ޚަބަރު

ކުޅިވަރުގައިވެސް އެންމެންނަށް ފުރުސަތު ލިބެންޖެހޭ: ރައީސް

އައިޝަތު ނިއުޝާ

ކުޅިވަރުގައިވެސް ހުރިހާ އެންމެންނަށް ފުރުސަތު ލިބެންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ޖަޕާނުގެ ޓޯކިޔޯގައި ކުރިއަށްދާ ޕެރަލިމްޕިކް ގޭމްސްގައި ވާދަކުރާ ރާއްޖެ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ޕެރަލިމްޕިކް ގޭމްސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ޓީމު ދިވެހި ދިދަ ހިފައިގެންދާ ވީޑިއޯ ކޮޅަކާ އެކު ރައީސް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ އެހެން ދާއިރާތަކެކޭ އެއް ފަދައިން، ކުޅިވަރުގެ ދާއިރާގައިވެސް ހުރިހާ އެންމެންނަށް ފުރުސަތު އޮންނަންވާނެ ކަމަށެވެ. އަދި ޕެރަލިމްޕިކްސް ގޭމުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ޓީމެއް ބައިވެރިވުމަކީ ކޮންމެ ދިވެއްސަކަށްވެސް ލިބޭނެ ޝަރަފަކާއި ފަހުރެއް ކަމަށް ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޕެރަލިމްޕިކްސް ގޭމުގައި ރާއްޖެއިން ވާދަކުރަނީ ދުވުމުގެ އިވެންޓުތަކުގެ ތެރޭގައި ހިމެނޭ 100 މީޓަރު ސުޕްރިންޓުގައެވެ.

މި އިވެންޓުގައި ރާއްޖޭއިން ބައިވެރިވާ ހަމައެކަނި ދެ އެތުލީޓުންނަކީ ފެނުމުން މަހުރޫމުވެފައިވާ މީހުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ ދެ މެންބަރުން ކަމަށްވާ މުހައްމަދު މާޒިން އާއި ފާތިމަތު އިބްރާހީމެވެ. މާޒިން ވަނީ 2019 ވަނަ މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވެ މުބާރާތުގައި ރާއްޖެއަށް ބްރޮންޒް މެޑަލް ހޯދައިދީފައެވެ.