ޚަބަރު

ރައީސް މައުމޫން އެހެން ބޭފުޅަކަށް ތާއީދުކުރެއްވިޔަސް، ޣައްސާން ގުރައިދޫ ދާއިރާއަށް ވާދަކުރައްވާނެ!

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ތާއީދާއެކު ބޭފުޅަކު ތ. ގުރައިދޫ ދާއިރާއަށް ކުރިމަތިލައްވާނެކަން އިއުލާންކޮށްފައިވަނިކޮށް ރައީސް މައުމޫންގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން އެ ދާއިރާއަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް މައުމޫންގެ ތާއީދާއެކު ގުރައިދޫ ދާއިރާއަށް ކުރިމަތިލައްވާ މުހައްމަދު އިބްރާހީމް މަނިކު (މޮހޮދޭ)އާ ދެކޮޅަށް އެ ދާއިރާއަށް ޣައްސާން ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވަނީ އޭނާ ނެރުއްވި ނޫސްބަޔާނެއްގައެވެ. ޣައްސާނަށް ވަނީ އެ ދާއިރާއަށް ވާދަކުރައްވާނީ ޕީޕީއެމްގެ ޓިކެޓުގައި އެޕާޓީ ތަމްސީލުކުރާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ކަމަށް ވިދާޅުވެފައެވެ.

ޣައްސާން ވަނީ އޭނާ ގުރައިދޫ، ދިޔަމިގިލި އަދި ގާދިއްފުށި ހިމެނޭ ތ. ގުރައިދޫގެ ދާއިރާއަށް ކުރިމަތިލާފައިވަނީ އެ ތިން ރަށުގެ ތަރައްގީއާއި އުފާފާގަތިކަމަށް މަސައްކަތްކޮށްދިނުމުގެ އަޒުމުގައި ކަމަށް ވިދާޅުވެފައެވެ.

މިފަހަރުގެ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް، ޑީއާރުޕީ އަދި ޕީއެންސީ ގުޅިގެން ވަނީ ޖުމްލަ 64 ދާއިރާއަކަށް ކެންޑިޑޭޓުން ނެރުމަށް ނިންމައިފައެވެ.