ސްރީލަންކާއަކީ ރާއްޖޭގެ ހަމައެކަނި އަވަށްޓެރިއެއް ނޫން ކަމަށާއި ދެގައުމުގެ ދެމެދުގައި އެއްގޮތް ވަރަށް ގިނަ ކަންތައްތަކެއް ހިމެނޭ ކަމަށް ވިދާޅުވެ ވަރަށް ގާތް ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސިފަކުރައްވައިފި އެވެ.
މިއަދު ލަންކާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދަޅުވީ ދެގައުމުގެ ދެމެދުގައިވާ ސަގާފަތާއި އާދަކާދައިގެ އިތުރުން ކެއިންބުއިމުގައި ބޭނުންކުރާ ތަކެއްޗަކީވެސް އެއްގޮތްތައް ހުންނަ ކަންތައްތައް ކަމަށެވެ.
"ސްރީލަންކާއިން އަބަދުވެސް ވަނީ ރާއްޖެ، އެގައުމަށް ބަލައިގަނެ މަރުހަބާ ކިޔާފައި. އެހެންވީމަ ސްރީލަންކާ އަބަދުވެސް ހީވަނީ އަމިއްލަ ދިރިއުޅޭ ތަން ހެން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ވަރުގަދަވުމުގެ ސަބަބުން ގިނަގިނައިން ދެގައުމުގެ ދެމެދުގައި ދަތުރުތައް ކުރެވޭ ކަމަށެވެ. ހަމައެފަދައިން ވިޔަފާރީގެ މުއާމަލާތްތައް ސްރީލަންކާއާއެކު ކުރުންވެސް އެހާ ފަސޭހައީ އެފަދަ ސަބަބުތަކާ ހުރެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެއާއި ލަންކާއާ ދެމެދުގައިވާ ވިޔަފާރީގެ ގުޅުންތައް ވަނީ ވަރުގަދަވެ އިތުރަށް ބަދަހިވެފައި. އަޅުގަނޑުމެން ބޭނުންވަނީ މި ބިންގަލުގެ މައްޗަށް ވިޔަފާރިތައް ބިނާކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.