ރާއްޖޭގައި އިންޑިއާ އިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ކަމަށްވާ މާލެ އާއި ވިލިނގިއްޔާއި ތިލަފުށި އަދި ގުޅީފަޅު ގުޅައިލުމަށް އަޅާ ތިލަމާލެ ބުރިޖު މަޝްރޫއުގެ އެއްބަސް ވުމުގައި ދެންމެ ސޮއި ކޮށްފިއެވެ.
މިކަމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ޕަރމަނަންޓް ސެކްރެޓްރީ ޒީނިޔާ ހަމީދެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސަައްކަތް ކުރުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރެކެވެ.
ގްރޭޓާ މާލޭ ސަރަހައްދު އެއް ވިއުގާއަކުން ގުޅާލުމުގެ ގޮތުން ކުރިއަށްގެންދާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީއެމްޕީސީ) އަކީ އިންޑިއާ ހިލޭ އެހީ އަދި ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އެގޮތުން އިންޑިއާ ސަރުކާރުގެ ސަތޭކަ މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޖެކްޓަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފައި ވަނި މި ޕްރޮޖެޓަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 2019 ވަނަ އަހަރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރަށް ހުށަހެޅުއްވި ޕޮރޮޖެކްޓެއް ކަމަށެވެ.
މި ބްރިޖުން ގުޅީފަޅުގައި ހަދާ ބައިނަލްއަގްވާމީ ބަނދަރާއި ތިލަފުށި އިންޑަސްޓްރިއަލް ޒޯން މާލެއާ ގުޅައިލެވުމުން މި ޕްރޮޖެކްޓް ރާއްޖޭގެ އިގްތިސޯދީ މައި އިންޖީނަށް ވެގެންދާނެ އެވެ.
މި މަޝްރޫގެ ފުލް ރިޕޯޓު އެކުލަވާލީ ހޮންކޮންގް ގެ އިންފްރާސްޓްރަކްޗާސް ކޮންސަލްޓަންޓް ފާމް އަރުޕް އެލްޓީޑީންނެވެ.
އިންޑިއާ ހައިކޮމިޝަނުން ދާދި ފަހުން ބުނެފައިވާ ގޮތުގައި މި ޕްރޮޖެކްޓަގެދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖާއެކު/ކޯޒްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއަރޑަކްޓް، އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ. މާލެ އަދި ވިލިނގިލި އާއި ބްރިޖް ގުޅޭ ހިސާބުގައި ޓްރެފިކްލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްސް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެއެވެ.
މިއީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް މުއްދަތު ކަނޑައަޅައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސާވައިދު ފުޅުގައި ހިމެނޭ މިމަޝްރޫއުގެ ބައެއްް މަސައްކަތްތައް މިހާރުވެސް ކުރިއަށް އެބަ ގެންދެއެވެ.
އެގޮތުން ގުޅީފަޅާ ބުރިޖު ގުޅާލާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ފަށާފައެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަން ޖެހޭ ސާވޭގެ މަސައްކަތްތައް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ކުރިއަށް އެބަ ގެންދެއެވެ.
މި ބްރިޖް ޕްރޮޖެކްޓްގެ ސަބަބުން ރަށްތައް ގުޅާލުމުގެ އިތުރުން އިގްތިސޯދީ ގޮތުން ވެސް ވަރަށް ބޮޑު ކުރިއެރުން ލިބިގެން ދާނެ ކަމަށް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި 1.4 ބިލިއަން ޑޮލަރުގެ އިގްތިސޯދީ ޕެކޭޖެއް އިއުލާން ކުރިއެވެ.
އޭގެ ތެރޭގައި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެއާޕޯޓު ތަރައްގީ ކުރުމާއި، ފަޅުހިއްކުމާއި، ބަނދަރު ހެދުމާއި، މަސް ފެކްޓްރީ ތަރައްގީ ކުރުމާއި، ކްރިކެޓް ދަނޑުތައް ހެދުމުގެ އިތުރުން ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން ފަދަ ޕްރޮޖެކްޓްތައް ހިމެނެއެވެ.
އޭގެ ތެރެއިން 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތާއި، އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
އިންޑިއާއިން 30 ކޮމިއުނިޓީ ޕްރޮޖެކްޓްވެސް ކުރިއަށް ގެންދާއިރު އޭގެ ތެރެއިން 15 ޕްރޮޖެކްޓް ވަނީ ނިމިފައެވެ.