ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ގަވާއިދުގެ އޯޑިއޯ އާންމުކޮށްފި

އައިޝަތު ނިއުޝާ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނާއި ގަވާއިދުގެ އޯޑިއޯ ރެކޯޑިން އާންމު ކޮށްފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިއަދު މައުލޫމާތު ދިން ގޮތުގައި، އެޓާނީ ޖެނެރަލް އޮފީހާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގުޅިގެން ކުރިއަށްގެންދާ ގާނޫނުތަކަށް އަހުލުވެރިކުރުމުގެ މަސައްކަތުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނާއި، އަދި އެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގަވާއިދުގެ އޯޑިއޯ ރެކޯޑިންތައް އޭޖީގެ އޮފީހުގެ ވެބްސައިޓް އަދި އެމް.ވީލޯ ވެބްސައިޓުގައި އާންމުކޮށްފައިވާނެ ކަމަށެވެ.

ޔޫއެންޑީޕީ އާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީއާއެކު ކުރިއަށް ގެންގޮސްފައިވާ މި މަސައްކަތަކީ، އޭޖީ އޮފީހުން ގާނޫނުތަކާއި ގަވާއިދުތައް ޝާއިއުކޮށްފައިވާ އޮންލައިން ޕްލެޓްފޯމަށް ފަސޭހައިން ވާސިލުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރރިއަށް ގެންގޮސްފައިވާ މަސައްކަތެކެވެ.

މި މަސައްކަތުގެ ސަބަބުން އެހީއަށް ބޭނުންވާ ފަރާތްތަކަށް ގާނޫނީ އެކި މަސްދަރުތަކަށް އަހުލުވެރިވުމަށާއި، އެންމެ އެދެވިގެންވާ ގޮތުގައި ގާނޫނީ ދާއިރާއާ ގުޅޭ މައުލޫމާތު ލިބުމަށް ފަސޭހަވެގެންދާނެ ކަންވެސް ފާހަގަކުރައްވައެވެ. މީގެ އިތުރުންވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މެދުގައި ގާނޫނީ އަހުލުވެރިކަން އިތުރުވެގެންދިއުމަށް މަގުފަހިވެގެން ދާނެކަންވެސް ފާހަގަކުރައްވައެވެ.

ގާނޫނީ ދާއިރާ އިތުރަށް ތަރައްގީކޮށް، ދިވެހިރާއްޖޭގައި އަމަލުކުރެވެމުން އަންނަ ގާނޫނުތަކާއި ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުމުގެ މަގުސަދުގައި، ގާނޫނުތަކާއި ގަވާއިދުތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބިދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކުރިއަށް އޮތް ތަނުގައި، އިތުރު ގާނޫނުތަކާއި ގަވާއިދުތަކުގެ އޯޑިއޯ ރެކޯޑިންތައްވެސް އޭޖީ އޮފީހުގެ ވެބްސައިޓްގައި އާންމުކުރެވިގެންދާނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.