ރާއްޖޭގައި ފޮރިން އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.
ރައީސް ސޯލިހު މި ޔަގީންކަން ދެއްވީ ސްރީލަންކާއަށް މިހާރު ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި އެގައުމުގެ ވިޔަފާރިވެރީންނާ ބައްދަލުކުރައްވައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަކީ ވިޔަފާރީގެ ފުރުސަތުތަކަށް މަގުފަހިކޮށްދޭނެ ގައުމެއް ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"ރާއްޖެއާއި ސްރީލަންކާގެ އިގްތިސޯދުގެ ތަރައްގީ ބިނާވެފައިވަނީ އެއް ކަންތައްތަކެއްގެ މައްޗަށް. އެގޮތުން އޭގެތެރޭގައި ޓުއަރިޒަމް ހިމެނޭ." އެމަނިކުފާނު ވިދާޅުވިއެވެ.
ދެގައުމުގެ ދެމެދުގައިވާ ވިޔަފާރީގެ ގުޅުމަށް އަލިއަޅުވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެގައުމުގައިވެސް ވިޔަފާރީގެ ގޮތުން ކުރިމަތިވަނީ އެއް ކަހަލަ ދަތިތަކެއް ކަމަށެވެ. އޭގެތެރޭގައި ތިމާވެށްޓާ ގުޅުންހުރި ކަންތައްތައް ހިމެނޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.