ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލަނީ

ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ބިން ވިއްކަން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެޗްޑީސީން ބުނި ނަމަވެސް ވިއްކަން ނިންމާފައި ވަނީ ކިތައް ބިން ކަމެއް އަދި ބިން ވިއްކާނެ އަގުތަކެއް ހާމައެއް ނުކުރެއެވެ.

އެޗްޑީސީން ބުނީ ބިން ވިއްކާނީ އެކޯޕަރޭޝަންގެ ބިޒްނަސް ޕްލޭނާ އެއްގޮތަށް ކަމަށެވެ. އެގޮތުން މުއްސަނދިންނަށްވެސް ބިން ވިއްކަން ނިންމާފައިވާ އިރު، ބިން ވިއްކާނީ މީގެ ކުރިން ހުޅުމާލެއިން ބިމެއް ގަނެފައި ނުވާ ފަރާތްތަކަށް އެކަންޏެވެ. އަދި އެކި ފަންތީގެ ފަރުދުންނަށް ވިޔަފާރި ހިންގުމަށްވެސް ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކޯޕަރޭޝަނުން ބުނީ، ބިން ވިއްކާނީ ވިޔަފާރީގެ ފުރުސަތުތަކާއި ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން އެކުންފުންޏަށް ލިބޭ އާމްދަނީން ސޯޝަލް ހައުސިންގެ އިތުރު މަޝްރޫއުތައް ސަބްސިޑައިޒް ކޮށްގެން ކުރިއަށް ގެންދެވޭނެ ގޮތަށް ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން އެންމެ ފަހުން ބިން ވިއްކާފައި ވަނީ 2017 ވަނަ އަހަރު، ރައީސް ޔާމީންގެ ވެރިކަމުގައެވެ. އެ ފަހަރު 101،954.33 އަކަފޫޓުގެ ބިން ވިއްކާފައިވެއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކުމުގެ މަސައްކަތް ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން ކުރިއެވެ. ނަމަވެސް އެ މަސައްކަތް ފަހުން ވަނީ ހުއްޓާލައިފައެވެ.