ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމަށް ޝުކުރުގެ މެސެޖެއް ރައްދުކުރައްވައިފިއެވެ.
ލޯތްބާއެކު މައުމޫން ރައްދުކުރެއްވި އެ މެސެޖުގައި ނަސްރީނާއަށް ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފައެވެ. ނަސްރީނާއަށް މައުމޫން، އެ މެސެޖު ރައްދުކުރެއްވީ އެމަނިކުފާނު ކުރެއްވި ޓުވީޓަކުންނެވެ.
ނަސްރީނާގެ ފޮޓޯއާއެކު ކުރެއްވި އެ ޓުވީޓުގައި ނަސްރީނާގެ ހިތްވަރާއި ލޯތްބާއި ވަފާތެރިމާއި އޯގަތެރިކަން ފާހަގަކުރައްވާފައިވެއެވެ.
އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ރައީސް މައުމޫން ހައްޔަރުކުރުމާ ގުޅިގެން އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލުމުގައި ނަސްރީނާ ހަރަކާތްތެރިވިއެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ވޯޓުދެއްވުމަށް ވެސް ނަސްރީނާ ގޮވާލާފައިވެއެވެ.
ޖަލުގައި އޮންނަވަން ޖެހިވަޑައިގަތުމުން މައުމޫނަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެމްޕެއިންގައި ބައިވެރިވެ ވަޑައިނުގެންނެވުނު ނަމަވެސް، ނަސްރީނާ ވަނީ ކެމްޕެއިންގެ ތެރޭގައި އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގަންނަވައިފައެވެ.
ކަފާލާތުގެ ދަށުން ރައީސް މައުމޫން މިނިވަންކުރުމަށް ހައިކޯޓުން އަމުރުކުރީ ނިމިގެންދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.