ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ އެކަނިވެސް ޖުމްލަ 531 ސީޕްލޭންގެ މޫވްމެންޓު ހިނގައި އާ ރިކޯޑެއް ގާއިމުކޮށްފިއެވެ.
އެއާކްރާފްޓް މޫވްމެންޓަކީ ފްލައިޓެއް ޖެއްސުމާއި ނައްޓައިލުމަށް ދެވޭ ނަމެވެ.
އެއާޕޯޓުގައި ސީޕްލޭން މޫވްމެންޓް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން މީގެކުރީން އެންމެ ގިނައިން އެއް ދުވަހެއްގައި މޫވްމެންޓް ހިނގާފައިވަނީ މިދިޔަ ޑިސެމްބަރުގެ މަހުގެ 23ގައެވެ. އެ ދުވަހު ޖުމްލަ 517 މޫވްމެންޓް ހިނގާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު ކުރި ޓްވީޓުގައި ބުނެފައިވެއެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގެ ސީޕްލޭންގެ ހިދުމަތް ފޯރުކޮށްދެނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އިންނެވެ. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮންނަނީ ޓީއެމްއޭގައެވެ.
ޓީއެމްއޭގެ އިތުރުން މޯލްޑިވިއަނުންވެސް ފުޅާ ދާއިރާއެއްގައި ސީޕްލޭންގެ ހިދުމަތް ފޯރުކޮށްދެއެވެ.