ރިފާ ހަލީލު
ސަރުކާރުން ގެންގުޅެނީ ވެރިކަންކުރާ ކޯލިޝަންގައި އޮތް ޕާޓީތަކާއި ގުޅިގެން ހަދާފައި އޮތް މެނިފެސްޓޯއެއް ކަމަށާއި އެ މެނިފެސްޓޯގައި ބަރުލަމާނީއަށް ވެރިކަން ބަދަލުކުރުމުގެ ވާހަކައެއް ނޯންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބުރޫކު ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯއަކީ ކޯލިޝަން ޕާޓީތަކުން އެއްބަސްވެގެން އެކުލަވާލާފައި އޮތް މެނިފެސްޓޯއެއް ކަމަށެވެ. އަދި އެ މެނިފެސްޓޯގައި އޮންނާނީ ނިޒާމަށް ގެންނަންޖެހޭ އިސްލާހުތަކެއްގެ ވާހަކަ ކަމަށާއި ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމުގެ ވާހަކައެއް އެ މެނިފެސްޓޯގައި ނޯންނާނެ ކަމަށެވެ.
ނަމަވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގިނަ ރައްޔިތުންތަކެއް އެދޭ ނަމަ އެފަދަ ވޯޓަކަށް ދެވިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ކަމަށްވެސް މަބުރޫކު ވިދާޅުވިއެވެ. އަދި ރައީސްގެ އަމާޒަކީ ނިޒާމު ބަދަލުކުރެއްވުން ނޫން ކަމަށާއި އެމަނިކުފާނުގެ އަމާޒު ހުރީ އިގުތިސާދު އަލުން އާރާސްތުކޮށް ވައުދުތައް ފުއްދުން ކަމަށްވެސް ވިދާޅުވިއެވެ.
"މިކަމާ ގުޅިގެން ރައީސް އަޅުގަނޑު ހިތުން ވަރަށް ސާފުކޮށް ވިދާޅުވެފައި އެބަ އޮތް އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ބަރުލަމާނީ ނިޒާމަކަށް ނުވަތަ ނިޒާމަށް ބަދަލެއް ގެންނަ ކަމުގައިވާނަމަ މިހާރުވެސް ރެފެރެންޑަމްއަކުން ނިންމިފައި އޮތް ކަމަކަށްވާތީ ދެން ކުރިއަށްވެސް އެއަށް ގޮތެއް ނިންމާނީ ރައްޔިތުންގެ ވޯޓަކުންނޭ." މަބުރޫކު ވިދާޅުވިއެވެ.