އިބްރާހިމް ޒަކީ
މި އަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާއިން ލިބިވަޑައިގެންނެވި ޒަހަމު ތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖޭން ބޭރަށް ވަޑައިގެން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންފި ނަމަ، ބަދުރުގެ ދުވަހު އަބޫޖަހުލަށް ހެދި ގޮތް އެމަނިކުފާނަށް ހަދައިލާނެ ކަމަށް ބުނެ އިންޒާ ދިން މީހާ ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަަށުން އެމީހާ މިއަދު ހައްޔަރު ކުރީ ރ. މީދޫން ކަމަށެވެ.
އެއީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެެއެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މީގެ ދުވަސްކޮޅެއް ކުރިން ކުރި، ފޭސްބުކް ވީޑިއޯ ޕޯސްޓެއްގައި ރައީސް ނަޝީދަށް އިންޒާރުދީ އޭނާ ބުނެފައި ވަނީ، "ރައީސް ނަޝީދު ދެން ރާއްޖެ އަތުވެއްޖެ ނަމަ ބަދުރު ދުވަހު އަބޫޖަހުލަށް ހެދިގޮތް ހަދާނަން،" ކަމަށެވެ.
އަބޫޖަހުލު ގަތުލު ކޮށްލީ ބަދުރު ހަނގުރާމައިގަ އެވެ.
މިއަހަރުގެ މެއިމަހުގެ ހަ ވަނަ ދުވަހުގެ ރޭ އައިއީޑީއެއް ގޮއްވާލައިގެން ދިން ބޮމުގެ ހަމަލާއެއްގައި ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެން އޭޑީކޭއިން ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ވަޑައިގެން އެގައުމުން ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.