ޚަބަރު

އަލީ ވަހީދު ވަޒީރުކަމުން ވަކިކުރީ ތަހުގީގެއް ނުކޮށް ޖަވާބުދާރީވާން ފުރުސަތު ނުދީ: ވަކީލުން

މުއާވިޔަތު އަންވަރު

މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މަގާމުން ވަކިކޮށްފައިވަނީ ތަހުގީގެއް ކުރުމެއް ނެތި ޖަވާބުދާރީވުމުގެ ފުރުސަތެއް ވެސް ދިނުމަކާއި ނުލައި ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓަރުކަމުން އަލީ ވަހީދު އިސްތިއުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ އެންގެވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ އަށް ވަނަ ދުވަހު އެވެ. އިސްތިއުފާ ނުދެއްވުމުން ޖެހިގެން އައި ދުވަހު ރައީސް ސޯލިހު ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ.

މިނިސްޓަރުކަމުން ވަކި ކުރުމާ ދެކޮޅަށް މިހާތަނަށް އަދި އަލީ ވަހީދު މީޑިއާގައި އެއްޗެއް ވިދާޅު ނުވި ނަމަވެސް އޭގެ އަހަރެއް ފަހުން އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން މި ވަނީ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ.

އެގޮތުން، ގާނޫނީ ވަކީލު އަބްދުﷲ ހަސީން ސޮއި ކުރައްވައި މެކްސިމް ޗެމްބާސް އިން މިއަދު ނެރުނު އެއް ސަފުހާގެ ކުރު ބަޔާނުގައި ބުނެފައިވަނީ، ވަޒީރު ކަމުން އަލީ ވަހީދު ވަކިކޮށްފައިވަނީ އެއްވެސް ތަހުގީގެއް ކުރުމެއް ނެތި ޖަވާބުދާރީ ވުމުގެ ފުރުސަތު ވެސް ދިނުމަކާ ނުލައި ކަމަށެވެ.

އަލީ ވަހީދުގެ ގާނޫނީ ޓީމުން އެހެން ބުނި ނަމަވެސް ގާނޫނު އަސާސީގެ 137 ވަނަ މާއްދާގެ ހ. ގައި ބުނާ ގޮތުން، ވަޒީރުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިކުރާން ރައިސުލްޖުމްހޫރިއްޔާ އަށް ފެނިއްޖެ ހިނދެއްގައި އަކަން ބަޔާން ކޮށް އެ މެންބަރަކަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ލިޔުމަކުން އެ މެންބަރަކު މަގާމުން ވަކިކުރެވިދާނެ އެވެ.

ވަޒީރަކު މަގާމުން ވަކިކުރުމުގެ ކުރިން ތަހުގީގެއް ކުރާކަށް ލާޒިމެއް ނޫނެވެ. އަދި ޖަވާބުދާރީ ވާކަށް ވެސް ނުޖެހޭނެ އެވެ.

ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމަށް އިހުތިރާމު ކުރައްވާ ކަމަށް އަލީ ވަހީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި ފުލުހުންގެ މުއައްސަސާއިން އިންސާފުވެރި ތަހުގީގެއް ހިންގާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އޭނާއަށް ކޮށްފައިވާ ތުހުމަތުތައް ރައީސަށް ވެސް ސާފުވެގެން ދިއުން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އެ ވާހަކަތައް އަލީ ވަހީދު ދައްކަވާފައިވަނީ، މިދިޔަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު ފުލުސް އޮފީހުގައި ކުރިއަށް ގެންދިޔަ އޭނާގެ ތަހުގީގަށް ފަހު ބޭރަށް ނިކުމެވަޑައިގެން ހުންނަވަ އެވެ.