ޚަބަރު

ދިވެހި، އިސްލާމް ފޮތް މާލޭގެ ސްކޫލުތަކަށް ފޯރުކޮށްދީފިން، އަތޮޅުތަކަށް މިހަފުތާގައި ފޮނުވާނެ: އެޑިޔުކޭޝަން

އައިޝަތު ނިއުޝާ

1

ދިވެހި އަދި އިސްލާމް ފޮތްތައް މާލޭގެ ސްކޫލުތަކަށް ފޯރުކޮށްދީފި ކަމަށާއި އަދި އަތޮޅުތަކަށް މި ހަފުތާގައި ފޮނުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިޔުކޭޝަނުން މިހެން ބުނެފައި މިވަނީ، ސުކޫލް ބޮޑު ޗުއްޓީއަށް ފަހުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައިވާއިިރު އަދިވެސް ކުދީންގެ ފޮތްތައް ހަމަ ނުވާތީ ގިނަ ބެލެނިވެރިންތަކެއް އެކަމާ ކަންބޮޑުވުން ފާޅުކުރަމުންދާތީއެވެ.

މިކަމާ ގުޅިގެން ވަން އޮންލައިން އިން ސުވާލުކުރުމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ މިއަދު ވިދާޅުވީ، މިހާރު ހުރިހާ ފޮތްތަކެއް ޑިސްޕެޗް ކުރުމުގެ މަރުހަލާގައި ވާ ކަމަށެވެ. އަދި މާލޭގެ ސުކޫލުތަކަށް މިހާރު ފޮތްތައް ފޯރުކޮށްދީފައިވާނެ ކަމަށާއި ޓާގެޓަކީ އަތޮޅު ތަކުގެ ސްކޫލުތަކަށްވެސް މި ހަފުތާ ތެރޭގައި ހުރިހާ ފޮތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ މަތީ ގްރޭޑްތަކުގެ ފޮތްތައް ޑިޖިޓަލައިޒް ކޮށްފައިވީ ނަމަވެސް، ހާޑް ކޮޕީ ބޭނުންވާ ދަރިވަރުންނަށް ރެފަރެންސް ފޮތެއްގެ ގޮތުގައި ސްކޫލު ލައިބްރަރީން ހާޑް ކޮޕީ މިހާރު ވެސް ލިބެން ހުންނާނެ ކަމަށެވެ.

"ފޮތް ބޭނުންވާ ދަރިވަރުންނަށް ރެފަރެންސް ފޮތެއްގެ ގޮތުގައި ސުކޫލުން ފޮތް ފޯރުކޮށްދޭނެ. ޑިޖިޓަލައިޒް ކުރުމުގެ މައިގަނޑު މަގުސަދަކީ އެ ކުދީން ޓެކްނޮލޮޖީއަށް އަހުލުވެރި ކުރުވުން. އެއީ ސެކަންޑްރީ ގްރޭޑް ތަކުގައި ޓެކްސްޓް ފޮތްތައް ބޭނުން މި ކުރަނީ ވަރަށް މަދުން." އަހުމަދު އަލީ ވިދާޅުވިއެވެ.

ފޮތްތައް ހަމަނުވާތީ ކަންބޮޑުވުން ފާޅުކޮށްފައިވާ ޓްވީޓެއް ---

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން، ކޮވިޑް އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މި އަހަރުގެ ކިޔެވުން ފަށާފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟