ޚަބަރު

ޖަލުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ މައްސަލައިގައި ދައުވާކޮށްދިނުމަށް ޕީޖީއަށް ފޮނުވައިފި

އަހުމަދު ޖައިޝަން

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މަރުވެފައިވާ ގ. ކީމާ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ތަހުގީގަށް ރިއާޔަތްކޮށް ދައުވާ ކޮށްދިނުމަށް އެދި އެ ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

އެޗްއާރުސީއެމުން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އިއްޔެ ކަމަށެވެ.

ދެހާސްފަނަރަ ވަނަ އަހަރު މެއި މަހުގެ އެއް ވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް، އަބްދުﷲ ރަޝީދު މަރުވެފައިވަނީ 10 އޮކްޓޯބަރު 2017ގަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކުލަވައިލައިފައިވާ "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން"އިން ވަނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެފައެވެ.