ރެހެންދި އެވޯޑް

އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރާ ފިރިހެނުންނަށް ވެސް ރެހެންދި އެވޯޑަށް ކުރިމަތިލެވޭ ގޮތް ހަދައިފި

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ފިރިހެނުންނަށް ވެސް ހުޅުވާލައިފިއެވެ.

ރެހެންދި އެވޯޑަކީ ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި އަންހެނުންގެ ކުރިއެރުމަށް އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ސަރުކާރުން ދެމުން އަންނަ ހާއްސަ އެވޯޑެކެވެ.

ޖެންޑާ މިނިސްޓްރީން މިދިޔަ މަހުގެ 31ގައި ކުރި އިއުލާން ބާތިލުކޮށް، މިއަދުކުރި އިއުލާނެއްގައި ވަނީ ރެހެންދި އެވޯޑަށް ކުރިމަތިލުމަށް ފިރިހެނުންނަށްވެސް ފުރުސަތު ލިބޭ ގޮތަށް ކެޓަގަރީއެއް ހިމަނައިފައެވެ.

އެގޮތުން އަންހެނުން ބާރުވެރިކުރުމާއި ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ ދާއިރާގައި ދިހަ އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި މަސައްކަތްކޮށްފައިވާ ފިރިހެނުންނަށް މި އެވޯޑަށް ކުރިމަތިލެވޭނެއެވެ.

މިއަހަރު އެވޯޑް ދިނުމަށް ކަނޑައަޅާފައިވަނީ ސިޔާސީ ދާއިރާ، އިޖްތިމާއީ ދާއިރާ، އިގުތިސޯދީ ދާއިރާ، އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތްތަކާއި އަދި އަންހެނުން އާންމުކޮށް ކޮށްނޫޅޭ މަސައްކަތްތަކުގެ ދާއިރާ، އަދި ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން އަންހެނުންގެ ތަރައްގީއާއި އަންހެނުން ބާރުވެރިކުރުވުމާއި ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ ދާއިރާގެ އިތުރުން ވަޒީފާދޭ އިދާރާތަކާއި މުއައްސަސާތަކެވެ.

އެވޯޑަށް ކުރިމަތިލާ ފަރާތްތަކުން މިމަހުުގެ 14 ވަނަ ދުވަހުގެ ކުރިން ޖެންޑާ މިނިސްޓްރީއަށް ފޯމު ހުށަހަޅަންޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.