އެމްޑީޕީއާއެކު ރޭ އަދާލަތު ޕާޓީން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އަދާލަތު ޕާޓީން ހުށަހަޅާފައިވަނީ އެމްޑީޕީއާއެކު މަޖިލިސް އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް އެޕާޓީން ބުނެފިއެވެ.
މަޖިލިސް އިންތިހާބު ކެމްޕެއިނާ ގުޅިގެން އެމްޑީޕީން ކުރިއަށްގެންދާ ސިލްސިލާ ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޕާޓީގެ ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ ރޭގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމާފައި ނުވި ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން އެކަމާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ.
"ޕާޓީގެ ހުރިހާ ނިންމުމެއްވެސް މި އަންނަނީ ޕާޓީގެ އެކަމާ ގުޅޭ ހުރިހާ ގުނަވަނެއްގެ މަޝްވަރާ އާއި ލަފާގެ މަތީން. އެހެންވީމަ އަދާލަތު ޕާޓީގެ ހުށަހެޅުމާމެދު މަޝްވަރާކޮށް މާދަމާ ވަކި ގޮތެއް ނިންމޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ،" އަފްޝަން ވިދާޅުވިއެވެ.
އަފްޝަން ވިދާޅުވީ ސިޔާސީ ގޮތުން ގުޅިގެން މަސައްކަތް ކުރުމަށް ފަސޭހަ ޕާޓީތަކާއެކު މަސައްކަތްކުރުމަކީ ސިޔާސީ ގޮތުން ހުރިހާ ފަރާތްތައްވެސް ބާރުވެރިވެގެން ދާނެ ކަމެއް ކަމަށެވެ.
ރޭ އެމްޑީޕީ އޮފީހުގައި ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން އެ ބައްދަލުވުމުގައި ވަނީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުވެސް ބައިވެރިވެވަޑައިގެންފައެވެ.