ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ކެންސަރު ބަލި އިތުރުވާތީ ދުރާލައި ފިޔަވަޅުއެޅުމަށް ނައިބު ރައީސް ނަސޭހަތްތެރިވެވަޑައިގެންފި

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގައި ކެންސަރު ބަލިޖެހޭ މީހުން އިތުރުވަމުންދާތީ، އެބަލިން ސަލާމަތްވުމަށް ދުރާލައި ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

ނައިބު ރައީސް މިފަދައިން ނަސޭހަތްތެރިވެވަޑައިގެންފައިވަނީ، ކެންސަރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ތައާރަފުކުރާ "އެކްޓިވް ވަރކްޕްލޭސް" ހަރަކާތް އިފުތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

"އެކްޓިވް ވަރކްޕްލޭސް" ހަރަކާތް އިފުތިތާހު ކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވީ ދުނިޔޭގެ ކެންސަރުބަލީގެ ދުވަސް ފާހަގަކުރަމުން އަންނަ އިރު ވިސްނައިލަންޖެހޭ ވަރަށް ބައިވަރު ކަންތައްތައް އެބަހުރިކަމަށެވެ.

އެގޮތުން މި ބަލި ޖެހެމުންދާ މީހުން އިތުރުވަމުންދާތީ ބަލިން ސަލާމަތްވުމުގެ ގޮތުން ފައިދާހުރި ކާނާ ކެއުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށްޓަކައި ކޮންމެ ދުވަހަކު ކަސްރަތުކޮށް ހެލިފެލިވެ އުޅުމަށާއި ސިއްހަތަށް ގެއްލުންހުރި ކަންކަމުން ދުރުހެލިވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

އަދި ކެންސަރަށް މަގުފަހިވާ އަމަލުތަކުގެ ތެރޭގައި ހިމެނޭ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލި ވުމަށާއި ޒުވާނުން އެކަމުން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށްވެސް އެމަނިކުފާނު ގޮވައިލެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާ ކުރުމަކީ ސަރުކާރުގެ މުހިންމު ވައުދެއްކަން ފާހަގަކުރައްވައި އެކަމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަމެއްދެއްވާ ކަމެއްކަމުގައިވެސް ވިދާޅުވިއެވެ. އަދި އެކަމުގައި ރައީސުލްޖުމްހޫރިއްޔާ އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާކަން ފާހަގަ ކުރެއްވިއެވެ.