ޚަބަރު

މަޖިލީހަށް ކުރިމަތިލާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ސާފުކުރަން ސުޕްރީމް ކޯޓުން ލުއި ގޮތްތަކެއް ހަމަޖައްސައިފި

އިބްރާހިމް ޒަކީ

1

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ، ކުށުގެ ރެކޯޑް ސާފު ކުރުމަށް މިއަދުން ފެށިގެން ލުއި ގޮތްތަކެއް ހަމަޖައްސަވައި ދެއްވާފައިވާކަަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.

ސުޕްރީިން ކޯޓުން މިއަދު އާއްމު ކުރި ލިއުމެއްގައި ބުނެފައިވަނީ، އިންތިހާބަށް ކުރިމަތިލާ ފަރާތްތަކަށް މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ބުނި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައްވާ ފަރާތްތަކުގެ ރެކޯޑް ސާފުކުރުމުގެ ކަންކަމުގައި ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަ ޖެއްސުމުގެ ގޮތުން، މިއަދުން ފެށިގެން މި ހިނގާ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހާ ހަމައަށް، ރަސްމީ ކޮންމެ ދުވަހެއްގެ ރޭގަނޑު 8:00 އަށް، އެ ކޯޓުގެ ކައުންޓަރު ހުޅުވާފައި ހުންނާނެ އެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހު ހެނދުނު 10:00ން ހަވީރު 4:00އަށް ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ހުންނާނެއެވެ.

ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ހުންނަ ގަޑިތަކުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައްވާ ފަރާތްތަކުގެ ރެކޯޑު ސާފުކުރުމަށް ގެންނަ ފޯމުތައް ބަލައިގަންނާނެ ކަމަށާއި، އެ ފޯމްތައް ދުވަހުން ދުވަހަށް ހަވާލުކުރުމަށް ހައިކޯޓުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސުޕްރީމް ކޯޓުުން މއިަދު ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވައިލައިފައިވާ މުއްދަތު ހަމަވަނީ މިމަހުގެ 21 އަށެވެ.

މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް މިދިޔަ ހަފްތާގައި އިލެކްޝަނުން ހުޅުވައިލުމާ ގުޅިގެން އަމިއްލަ ގޮތުންނާއި ޕާޓީތަކުން އިންތިހާބުގައި ވާދަކުރާ ގިނަ އަދެއްގެ ބަޔަކު ކުށުގެ ރެކޯޑް ސާފުކުރުމަށް ސުޕްރީމް ކޯޓަށް އަންނަނީ ހުށަހަޅަމުންނެވެ.

ސާބިތު ދަރަންޏެއް އޮވެ އެ ދަރަނި ދައްކަން ކޮށްފައިވާ ހުކުމާ އެއްގޮތަށް ދަރަނި އަދާ ނުކުރާ މީހުންނާއި، އެއް އަހަރަށް ވުރެ ދިގު ހުކުމެއް ކޮށްފައިވާ މީހަކު، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ މައާފު ލިބުނުތާ ތިން އަހަރު ނުވާ ނަމަ މަޖިލިސް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

މީގެ އިތުރުން އަހަރަކަށް ވުރެ ދިގު ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހަކަށްވެސް ގާނޫނުގައި ބުނާގޮތުން މަޖިލީހަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟