ޚަބަރު

ރާއްޖޭގައި އެންމެ ގިނައީ އަނގައިގެ ކެންސަރާއި ބަނޑުގެ ކެންސަރު

ކެންސަރު ޖެހިފައިވާ މީހުންގެ ނިސްބަތަށް ބަލާއިރު ރާއްޖޭގައި އެންމެ ގިނައީ އަނގައިގެ ކެންސަރާއި ބަނޑުގެ ކެންސަރު ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިއަދު ނެރުނު ރިޕޯޓުގައި ބުނެފައިވާގޮތުން ރާއްޖޭގައި ކެންސަރުޖެހޭ އަންހެނުންނާއި ފިރިހެނުންގެ ތެރޭގައި އެންމެ ގިނައީ އަނގައިގެ ކެންސަރާއި ބަނޑުގެ ކެންސަރަށް ފަރުވާ ހޯދާ މީހުންނެވެ.

އެގޮތުން އަންހެނުންނަށް އާންމުކޮށް ޖެހޭ ކެންސަރުގެ ތެރޭގައި އަނގައިގެ ކެންސަރާއި ބަނޑުގެ ކެންސަރު، އުރަމަތީގެ ކެންސަރު، ތައިރޮއިޑް ކެންސަރުގެ އިތުރުން ލޭގެ ކެންސަރު ހިމެނެއެވެ. ފިރިހެނުންނަށް އާންމުކޮށްޖެހޭ ކެންސަރުގެ ތެރޭގައި އަނގައިގެ ކެންސަރާއި އަދި ބަނޑުގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު، އަދި ފުއްޕާމޭގެ ކެންސަރު ހިމެނޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ރިޕޯޓުގައި ބުނެފައިވަނީ ކެންސަރަކީ ގަވައިދުން ޑޮކްޓަރަށް ދައްކައި ޓެސްޓްކޮށް ޑޮކްޓަރުގެ އިރުޝާދާއެކު ފަރުވާ ހޯދަމުން އަންނަ ނަމަ ރަނގަޅު ކުރެވިދާނެ ބައްޔެއްކަމަށެވެ.

ކެންސަރު ޖެހެނީ ހަށިގަނޑުުގައި ހުންނަ ސެލްތަކަށް އަންނަ ބަދަލެއްގެ ސަބަބުން ކަމަށާއި އެބަލި ހަށިގަނޑުގެ އެކި ގުނަވަންތަކަށް ޖެހެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކެންސަރު ބައްޔަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން މީހުން މަރުވާ އެއް ބައްޔެވެ. އެގޮތުން މިދިޔަ އަހަރު 9.6 މިލިއަން މީހުން ކެންސަރު ބަލީގެ ސަބަބުން މަރުވެފައި ވެއެވެ.

ކެންސަރު ޖެހެން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ސިއްހަތަށް ރަނގަޅު ނޫން ކާނާއާއި ބުއިންތައް ބޭނުންކުރުމާއި ރާ ބުއިމާއި އަދި ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުން މަދުވުން ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެއެވެ.

ދުނިޔޭގެ ކެންސަރު ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީމަހުގެ 4 ވަނަ ދުވަހެވެ. އެދުވަސް ފާހަގަކުރުމަށް މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ، "އައި އެމް އެންޑް އައި ވިލް" އެވެ.