މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލުގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ހައިޝަމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ އިރު، މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވާ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒު އަހުމަދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރިން ނިންމި ނިންމުން ކޯޓުން ދަހަމަހައްޓާފައިވާ ކަމަށެވެ.
ހަމަލާގެ އިސްކޮށް އުޅުން ކަމަށް ތުހުމަތުވާ ހައިޝަމަށް ޖުމުލަ ތިން ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއެވެ.
ހަމަލާއާ ގުޅިގެން ހައިޝަމް ހިމެނޭ ގޮތަށް ހަތަރު މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ. އެ މައްސަލައިގައި ފަސް މީހަކަށް ދައުވާކުރަން ފޮނުވިޮ ނަމަވެސް ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ ޕީޖީން އޭނާއަށް ދައުވާކޮށްފައެއް ނުވެއެވެ. އެހެންކަމުން އޭނާ ވަނީ ބަންދުން ދޫކޮށްލައިފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ބަންދުގައި ދެން ތިބީ، ކ. މާލެ، ކުދެހިގެ، އިސްހާގު، ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ، އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް، ހއ. މުޅަދޫ، ބަހާރުގެ، އަބްދުﷲ އަލި މަނިކު އާއި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމެވެ.