ޚަބަރު

މުލިއާގެ ކައިރީގައި ބޮމެއް އޮތް ކަމަށް ބުނި މީހާއަށް ދައުވާ ނުކުރަން ނިންމުމުން ދޫކޮށްލައިފި

މުއާވިޔަތު އަންވަރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ ރިޔާސީ ގެކޮޅު ކަމަށްވާ، މުލިއާގެ ކައިރިން ދަމުން ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން މީހާއަށް ދައުވާ ނުކަރަން ނިންމުމުން، ފުލުހުންގެ ބަންދުން އޭނާ ދޫކޮށްލައިފި އެވެ.

މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ހިނގި އެ ހާދިސާގައި ދެ މީހަކު ހައްޔަރު ކުރިއިރު އޭގެ ތެރެއިން އެކަކު އެ ދުވަހުން ދޫކޮށްލި އެވެ. ދެވަނަ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ އޭނާ ކޯޓަށް ހާޒިރުކޮށްފައިވަނީ ޖުލައި 11 ވަނަ ދުވަހު އެވެ. އެ ދުވަހު އޭނާގެ ބަންދަށް ހަތް ދުވަސް ކުރިމިނަލް ކޯޓުން ވަނީ ޖަހާފަ އެވެ. މި މުއްދަތު ހަމަވެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.

އެ މީހާއަކީ ބޮމެއް އޮތް ކަމަށް ބުނި މީހާ އެވެ.

މަހަކަށް ވުރެން ގިނަ ދުވަހު ފުލުހުންގެ ބަންދުގައި ބެހެއްޓުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ ބަންދުން ދޫކޮށްލާފަ އެވެ. ސަބަބެއް ކަމަށް ފުލުހުން ބުނީ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އޭނާއަށް ދައުވާ ނުކުރަން ނިންމުން ކަމަށެވެ.

އެ ދެ މީހުން މުލިއާގެ ކައިރިއަށް ދިޔައީ ދަބަހަކާއި ރަތްކުލައިގެ ކޮތަޅެއް އަދި ކަރުދާސް ފޮއްޓެއް ހިފައިގެންނެވެ. އެމީހުން އިންޒާރު ދިނީ އެ ފޮށިގަނޑުގައި ބޮމެއް އޮތް ކަމަށް ބުނެއެވެ. އެ އިންޒާރާ ގުޅިގެން ފުލުހުންނާއި ސިފައިން ވަނީ އެމީހުން ގެންގުޅުނު ސާމާނުތަކާއި އެ ފޮށިގަނޑު ބަލައި ފާސްކުރުމަށްފަހު، އެ ދެ މީހުން ހައްޔަރުކޮށްފައެވެ.

މުލިއާގެ ކައިރިން ދަމުން ބޮމެއް އޮތް ކަމަށް ބުނި ދެ މީހަކު ހައްޔަރުކޮށްފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށްފަހު މުލިއާގެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.