ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ލަންކާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވުމަކީ ލިބުނު ޝަރަފެއް: ރައީސް

ސްރީލަންކާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަކީ، ލިބިވަޑައިގެންނެވި ވަރަށްބޮޑު ޝަރަފެއްކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސްރީލަންކާގައި މިއަދު ފާހަގަ ކުރަމުން އަންނަ އެ ގައުމުގެ 71 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މަރުހަބާ ވިދާވެ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ރައީސް ވަނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ސްރީލަންކާގެ ރައީސް ސިރިސޭނަ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުރުން ސްރީލަންކާ ސަރުކާރާއި ރައްޔިތުންނަށް އިތުރު ކާމިޔާބީ އާއި ކުރިއެރުމަށް އެދިވަޑައިގެންފަ އެވެ.

މިއަދު ހެނދުނު ބޭއްވި، ސްރީލަންކާގެ 71 ވަނަ މިނިވަންދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ.

ލަންކާގެ ވެރިރަށް ކޮލަންބޯގައި މިއަދު ހެނދުނު ކުރިއަށްދިޔަ އެ ރަސްމިއްޔާތު ރައީސް ސޯލިހު ޝަރަފުވެރިކޮށްދެއްވައިފައިވާއިރު، މިއީ ރާއްޖޭގެ ރައީސަކު އަވަށްޓެރި ލަންކާގެ މިނިވަންދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި ފުރަތަމަ ފަހަރެވެ.

ލަންކާގެ މިނިވަންދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ފެށިގެން ދިޔައީ ލަންކާގެ ރައީސް މައިތްރި ޕާލާ ސިރިސޭނާއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރަސްމިއްޔާތު ބާއްވާ ސަރަޙައްދަށް ވަޑައިގަތުމާ އެކުއެވެ.