ޚަބަރު

ރައީސް ސޯލިހު، ލަންކާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

އަހުމަދު ޖައިޝަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި އެވެ.

މިއީ ސްރީލަންކާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު، ރާއްޖޭގެ ރައީސަކު ޝަރަފުވެރިކޮށްދެއްވި ފުރަތަމަ ފަހަރެވެ.

ރައީސުލް ޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ލަންކާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މިނިވަން ދުވަހުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި، ސްރީލަންކާގެ ރައީސް ބާއްވަވާ ރަސްމީ މަރުހަބާ ދެންނެވުމުގެ ހަފްލާއެއް އޮންނާނެއެވެ. އަދި އޭގެއިތުރުން ރައީސް ދެއްވާ ހާއްސަ ޖާފަތެއްވެސް އޮންނާނެއެވެ.

ރައީސްގެ ދެކަނބަލުން ލަންކާއަށް ވަޑައިގެންފައިވަނީ އިއްޔެއެވެ. އަދި އިއްޔެ ރައީސް ވަނީ އެގައުމުގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލަންކާ އަކީ ރާއްޖޭގައި ޑިމޮކްރަސީގެ ރޫހު ދިރުވައި އާލާކުރުމުގެ ވަރަށް މުހިއްމު ހިއްސާދާރެއް ކަމަށެވެ.

އަދި ދެގައުމުގެ ދެމެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި ދިވެހީންގެ އަމަލު ބަހައްޓަން ޖެހޭނީ އެ ގުޅުން އިތުރަށް ބަދަހިވާނޭ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.