މަޖިލީހުގެ ގޮނޑިތަކާ ބެހޭގޮތުން އެމްޑީޕީއާއި އަދާލަތު ޕާޓީން މަޝްވަރާކޮށްފި އެވެ.
މިރޭ އެމްޑީޕީގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުވެސް ބައިވެރިވެވަޑައިގެންފައެވެ.
އެމްޑީޕީން މިދިޔަ މަހު އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވާނެ ބޭފުޅުން ހޮވުމަށް ޕްރައިމަރީ ބާއްވާފައިވާ އިރު އަދާލަތު ޕާޓީން ވަނީ އިނގުރައިދޫ ދާއިރާގެ ޕްރައިމަރީ ބާއްވައި އެ ދާއިރާއިން މަޖިލީހަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާނެ ފަރާތެއް ކަނޑައަޅައިފައެވެ.