ދަރިވަރުންގެ ކިބައިގައި ހަރުކަށި ވިސްނުން އަށަގަތަނުދިނުމަށް "ޕްރޮމޯޓިން ރެޒީލިއަންސް އިން ދި މޯލްޑިވްސް-ޕްރައިމް" ގެ ނަމުގައި ޕްރޮޖެކްޓެއް ފެށުމަށް ހަމަޖައްސައިފިއެވެ.
"ޕްރޮމޯޓިން ރެޒީލިއަންސް އިން ދި މޯލްޑިވްސް-ޕްރައިމް" ޕްރޮޖެކްޓު ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ޓްރާންސްޕޭރަންސް މޯލްޑިވްސްއާ ދެމެދު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ. އަދި ޓްރާންސްޕޭރަންސީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު އާސިއަތު ރިލްވީނާއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޕްރައިމް ޕްރޮޖެކްޓުގެ މަގުސަދުތަކުގެ ތެރޭގައި ދަރިވަރުން ހިރާސްއަށް ނުގޮސް ނުވަތަ ވީހާވެސް ހިރާސް ކުޑަވާނެ ގޮތަކަށް ދިމާވާ ދަތިތަކުން ސަލާމަތްވުމަށް ދަސްކޮށްދިނުމާއި، ހަރުކަށި ވިސްނުން އަށަގަތަނުދިމަށް ދަރިވަރުންގެ ކިބައިގައި ދީނަށް ލޯބިޖެއްސުމާއި، އެހެން މީހުންނަށް އިހުތިރާމު ކުރުމާއި، ކަންކަމުގައި ފުންކޮށް ވިސްނަން ދަސްކޮށްދިނުން ހިމެނޭ ކަމަށެވެ.
"ޕްރޮމޯޓިން ރެޒީލިއަންސް އިން ދި މޯލްޑިވްސް-ޕްރައިމް" ޕްރޮޖެކްޓަކީ ޔޫއެސް އެއިޑްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.