އެޕޯލޯ ހޯލްޑިގްސްއާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދާ 1000 ހައުސިން ޔުނިޓުގެ މަސައްކަތްތައް 2023 ވަނަ އަހަރު ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ހަދާ މި ހައުސިން ޔުނިޓުތައް ޑިޒައިންކޮށް، އިމާރާތްކޮށް އަދި ފައިނޭންސް ކުރަނީ އެޕޯލޯ އިންނެވެ. އަދި މިއީ ދިވެހި ކުންފުންޏަކުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު ސޯޝަލް ހައުސިން މަޝްރޫއެވެ.
އެޗްޑީސީން ބުނީ، ދެ ސްޓޭޖަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔުނިޓުތަކުގެ ތެރެއިން ފޭސް ދޭއްގައި އިމާރާތް ކުރާ ކައުންސިލް އަދި އެފޯޑަބަލް ހައުސިން ކެޓަގަރީގެ ޔުނިޓުތަކުގެ ފައުންޑޭޝަންގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންގޮސް 2023 ވަނަ އަހަރުގެ ކުރީކޮޅު މަޝްރޫއު އެއްކޮށް ނިންމައިލެވޭނެ ކަމަށް ބުންޏެވެ.
މި ފުލެޓުތަކުގައި ތިން ކެޓަގަރީއެއްގެ ހައުސިން ޔުނިޓް ހިމެނެއެވެ. އެއީ ކައުންސިލް ހައުސިންގެ 120 ޔުނިޓާއި އެފޯޑަބަލް ހައުސިންގެ 220 ޔުނިޓު އަދި މިޑް ރޭންޖުގެ 660 ހައުސިން ޔުނިޓެވެ.
ކައުންސިލް ހައުސިން ޔުނިޓުތަކުގައި އުޅޭނީ 650 އަކަފޫޓުގެ ދެ ކޮޓަރީގެ ޔުނިޓުތަކަކާއި 800 އަކަފޫޓުގެ ތިން ކޮޓަރީގެ ޔުނިޓުތަކަކެވެ. އެފޯޑަބަލް ހައުސިންގެ އުޅޭނީ 650 އަކަފޫޓުގެ ދެ ކޮޓަރީގެ ޔުނިޓުތަކަކާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ ޔުނިޓުތަކެކެވެ.
މިޑް ރޭންޖުގެ ހައުސިން ޔުނިޓުތަކުގައިވެސް ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ޔުނިޓުތައް ހިމެނޭނެއެވެ. އެގޮތުން ދެ ކޮޓަރީގެ ޔުނިޓުތަކުގެ ސައިޒަކީ 750 އަކަފޫޓެވެ. އަދި ތިން ކޮޓަރީގެ ޔުނިޓުތަކުގެ ސައިޒަކީ 1000 އަކަފޫޓެވެ.
މިޑް ރޭންޖުގެ ހައުސިންއަކީ ޕްރޮޖެކްޓް ހިންގާ ފަރާތުން ކަނޑައެޅިފައިވާ އަގުތަކަކަށް ވިއްކުމަށް ހަމަޖެހިފައިވާ ޔުނިޓުތަކެކެވެ. އެގޮތުން ޑިވެލޮޕަރުގެ ފަރާތުން ވިއްކުމަށް ހަމަޖެހިފައިވާ މިޑް ލެވެލް ހައުސިން ޔުނިޓުތަކުގެ އަގެއްގެ ގޮތުގައި އަކަފޫޓަކަށް 2400 ރުފިޔާއަށް ވުރެ ބޮޑު ނޫން އަގެއް ހަމަޖެއްސުމަށް ވަނީ ކަނޑައެޅިފައެވެ.