ޚަބަރު

ގިނަ ފަތުރުވެރިން އައުމުގެ ފައިދާ ބޮޑު، އުސޫލާ ހިލާފުވާ ނަމަ ފިޔަވަޅު އަޅާނަން: ރައީސް

އަލީ ޔާމިން

ރާއްޖެއަށް ގިނަ ފަތުރުވެރިން އައުމަކީ ފައިދާ ހުރި ކަމެއް ކަމަށާއި ނަމަވެސް ފަތުރުވެރީން ގެނައުމުގައި ގެސްޓްހައުސްތަކާއި ޓުއާ އޮޕަރޭޓަރުން އަމަލުކުރަން ޖެހޭ އުސޫލުތަކަށް އަމަލު ނުކުރާ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ތ. އަތޮޅުުގެ ހަތް ރަށަކަށް މިހާރު އެމަނިކުފާނު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ އަތޮޅު އޮމަދުއަށް މިއަދު ވަޑައިގެން އެރަށުގެ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ، މިދުވަސްވަރު ރާއްޖެއަށް ޓްރާންސިޓް ބޭނުމަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ކަމަށެވެ. އެގޮތަށް އަންނަ ފަތުރުވެރިން ރަށްރަށުގެ ގެސްޓްހައުސްތަކުގައި ވެސް އެބަތިބިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖެއަށް ގިނަ ފަތުރުވެރިން އައުމަކީ ފައިދާ ހުރި ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ފަތުރުވެރީން ބައިތިއްބާ ގެސްޓްހައުސްތަކުން ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންސީތަކުންވެސް އެކަންކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. އަދި ގެސްޓްހައުސްތަކުން ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށާއި ރާއްޖެ އަންނަ ފަތުރުވެރިން އަންނަނީ ސައްހަ ބުކިންއެއްގައިތޯ ބެލުމަށް ހާއްސަ އިންސްޕެކްޝަނެއް ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އުސޫލާ އެއްގޮތަށް އަމަލު ނުކުރާ ތަންތަނާ މެދު އަޅުގަނޑުމެން ފިޔަވަޅު އަޅާނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދުވެސް މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ.

ފަތުރުވެރިން ގެނައުމުގައި އޮންނަ އުސޫލުތާ ހިލާފުވާ ގެސްޓްހައުސްތަކާއި ޓުއާ އޮޕަރޭޓަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ރައީސް ވިދާޅުވިއިރު، މީހުން ދިރުއުޅޭ ބައެއް ގޭގޭގައިވެސް ޓްރާންސިޓް ބޭނުމަށް އަންނަ ފަތުރުވެރިން ބައިތިއްބާ މައްސަލައާއި އޮޅުވާލައިގެން ނުބައި ބުކިންއެއްގައި ރާއްޖެއަށް ފަތުރުވެރިން ގެނެސް ފަތުރުވެރިންގެ މަގުމަތިކުރުމުގެ މައްސަލަތައް މިފަހުން ވަނީ ފެންމަތިވެފައެވެ.