ޚަބަރު

މޯލްޑިވިއަންގެ ޕައިލެޓުން އިހުތިޖާޖަށް ނުކުންނަނީ

ގައުމީ އެއާލައިން މޯލްޑިވިއަންގެ ގިނަ ޕައިލެޓުންތަކެއް އިހުތިޖާޖުކުރުމުގެ ގޮތުން މާދަމާ އިން ފެށިގެން ޑިއުޓީއަށް ނުނުކުތުމަށް ނިންމައިފި އެވެ.

ނަން ނުޖެހުމަށް އެދި ވަން އޮންލައިނަށް މައުލޫމާތުދިން މޯލްޑިވިއަންގެ މުވައްޒަފަކު ވަނީ ޕައިލެޓުން އިހުތިޖަޖުކުރަން ނިންމާފައިވާކަން ކަށަވަރުކޮށްދީފައެވެ.

ގިނަ އަދަދެއްގެ މޯލްޑިވިއަން ޕައިލެޓުން އިހުތިޖާޖުކުރުމަށް ނިންމާފައިވަނީ އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރ އޮފް ޕައިލެޓް އޮޕަރޭޝަންގެ މަގާމުގައި ހުންނެވި މުހައްމަދު އަމީންއަށް އެކި ފަހަރުމަތިން އެކި މައްސަލަ ހުށަހެޅުމުންވެސް އެކަމަށް ހައްލެއް ހޯދައިދީފައި ނުވުމުގެ ސަބަބުންކަމަށް މައުލޫމާތު ލިބެއެވެ. މޯލްޑިވިއަންގެ ޕައިލެޓުން އަމީން އިސްތިއުފާ ދެއްވަންދެން ނުވަތަ މަގާމުން ވަކި ކުރަންދެން އިހުތިޖާޖު ކުރުމަށް ވަނީ ނިންމާފައެވެ.

އިހުތިޖާޖު ކުރަމުން އަންނަނީ ހަމައެކަނި މޯލްޑިވިއަންގެ ދިވެހި ޕައިލެޓުން ކަމަށް ވުމުން މޯލްޑިވިއަންގެ ފްލައިޓް ޝެޑިއުލްތަކަށް އެކި ބަދަލުގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިކަމާ ގުޅިގެން އަދި އައިލެންޑް އޭވިއޭޝަނުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.