ޚަބަރު

11 އަހަރުގެ ޓީޓީ ގޯލްޑް މެޑަލިސްޓް ދީމާއާ ރައީސްގެ ދެކަނބަލުން ބައްދަލުކުރައްވައިފި

މަރިޔަމް ޝަހުދާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ސައުތު އޭޝިއަން ރީޖަނަލް ހޯޕްސް ޗެލެންޖް އިން ރަން މެޑަލް ހޯދި ފާތިމަތު ދީމާ އަލީއާ ބައްދަލުކުރައްވައިފި އެވެ.

ރައީސް ސޯލިހުގެ ދެކަނބަލުން ދީމާއާ އިއްޔެ ބައްދަލުކުރައްވާފައިވަނީ ރައީސް ސޯލިހު ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ދީމާގެ އިތުރުން ރައީސް ސޯލިހުގެ ދެކަނބަލުން ވަނީ ދީމާގެ ބެލެނިވެރިންނާ ވެސް ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ދީމާގެ ޓްރެއިނިންގެ ކަންކަން ކުރިއަށްދާގޮތް އޮޅުންފިލުއްވައި، ކުޅިވަރާ އެއްވަރަށް ކިޔެވުމުގައިވެސް ކުރިއެރުމަށް މަސައްކަތްކުރުމަށް ދީމާއަށް ހިތްވަރުދެއްވައިފައެވެ.

11 އަހަރުގެ ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައިފައެވެ. މި މުބާރާތަކީ ދެކުނު އޭޝިއާގެ 12 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުން ބޭއްވި މުބާރާތެކެވެ.