ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިބޫއަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މަރުހަބާ ދަންނަވައިފި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕޭ، ރާއްޖޭގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް މަރުހަބާ ދަންނަވައިފިއެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މައުލޫމާތު ދޭގޮތުގައި އިބޫއަށް މަރުހަބާ ދެންނެވުމަށްޓަކައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޕޮމްޕޭ ގުޅުއްވީ މިއަދު ހަވީރެވެ.

ޕޮމްޕޭ ގުޅުއްވައި ނިމިގެންދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާއި ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށާއި މިފެށޭ ރިޔާސީ ދައުރުގައި ރާއްޖޭގެ އެކިއެކި ދާއިރާތަކަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޕޮމްޕޭ ވިދާޅުވި ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެއެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާ ވާދަކުރައްވައި، އިބޫ ކާމިޔާބީ ހޯއްދެވުމާ ގުޅިގެން ބޭރުގެ އިސް ލީޑަރުން ގެންދަވަނީ އިބޫއަށް ގުޅުއްވައި މަރުހަބާ ދަންނަވަމުންނެވެ.