ޚަބަރު

ވައްކަމުގެ ތުހުމަތުވާ ކޫއްޑޫ އެއާޕޯޓުގެ މޯލްޑިވިއަންގެ މެނޭޖަރު މަސްއޫލިއްޔަތުތަކުން ދުރުކޮށްފި

ރިފާ ހަލީލު

ކޫއްޑޫ އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ފައިސާތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މޯލްޑިވިއަންގެ މެނޭޖަރު ޝުއައިބު ސިއްދީގު، މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ.

ޝުއައިބާ އެކު އެ މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް ޝުއައިބު ހިމެނޭހެން ތިން މީހަކު ވަނީ ޝަރުތުތަކާ އެކު ދޫކޮށްލައިފައެވެ. ހަތަރު ވަނަ މީހާގެ ބަންދަށް ވަނީ 10 ދުވަސް ދީފައެވެ.

މޯލްޑިވިއަންގެ ޕީއާރު މެނޭޖަރު މޫސާ ވަސީމް "ވަން" އަށް މިއަދު ވިދާޅުވީ ވައްކަމުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މުވައްޒަފު މިހާރު އެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވާ ކަމަށެވެ. އަދި އެ މަގާމަށް މިހާރު ވަގުތީ ގޮތުން އެހެން މުވައްޒަފަކު އައްޔަން ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ މިއީ އޭނާއާ މެދު އިދާރީ ގޮތުން އެޅި ފިޔަވަޅެއް ކަމަށާއި އިތުރު ފިޔަވަޅެއް އަޅަން ނިންމާނީ އެ މައްސަލަ ފުލުހުން ތަހުގީގުކޮށް ނިމުމުން ކަމަށެވެ.