ޚަބަރު

ފައިސާތަކެއް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މޯލްޑިވިއަންގެ މެނޭޖަރާއި އިތުރު ތިން މީހުން ދޫކޮށްލައިފި

ރިފާ ހަލީލު

ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިއެއްގެ ލަގެޖުން ފައިސާތަކެއް ވަގަށް ނެގި މައްސަލައިގައި ހައްޔަރު މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި އެންމެން ޝަރުތުތަކަކާ އެކު ދޫކޮށްލައިފިއެވެ.

ގއ. އަތޮޅު ރިސޯޓަކުން ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިއެއްގެ ލަގެޖުން 20،000 ޔޫރޯ ވަގަށް ނެގި މައްސަލައިގައި ކޫއްޑޫ އެއާޕޯޓުގައި މަސައްކަތް ކުރާ މޯލްޑިވިއަންގެ މެނޭޖަރާ އެކު އިތުރު ތިން މީހަކު ހައްޔަރުކުރީ އިއްޔެ އެވެ. އޭގެ ތެރޭގައި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މުވައްޒަފަކާއި ރެޒިޑެން މޯލްޑިވްސްގެ ދެ މުވައްޒަފުން ހިމެނެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހަކާ އަދި 37 އަހަރުގެ މީހެކެވެ. އެ ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 31 އަހަރުގެ މީހާ ފިޔަވާ ދެން ތިބި ތިން މީހުން ޝަރުތުތަކަކާ އެކު ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި 31 އަހަރުގެ މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް "ވަން" އަށް އެނގިފައިވާ ގޮތުގައި ދޫކޮށްލި މީހުންގެ ތެރޭގައި ކޫއްޑޫ އެއާޕޯޓުގެ މޯލްޑިވިއަންގެ މެނޭޖަރުވެސް ހިމެނެއެވެ.