ދިވެހިވަންތަ ސިފަތަކަށް ސަމާލުކަން ދިނުމަށް ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފި އެވެ.
ރައީސް ސޯލިހު އެކަމަށް އިލްތިމާސްކުރައްވާފައި ވަނީ މިއަދު ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ރައީސް ސޯލިހު ވަނީ ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަކީ ލަންކާގައި ރާއްޖެ ތަމްސީލުކުރަން ތިބި މަންދޫބުން ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ލަންކާގައި ދިރިއުޅޭ ދިވެހިންގެ އުޅުމާއި ގުޅުންތައް ދެގައުމުގެ ގުޅުންތައް އިތުރަށް ބަދަހިވާފަދަ ގޮތަކަށް ބެހެއްޓުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ރައީސް ވަނީ ދިވެހިންގެ ރީތި އަހުލާގީ ސިފަތައް ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ލަންކާގައި ދިރިއުޅޭ ދިވެހިންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ނުރަނގަޅު ފިކުރުތަކަކާ ޖެހި ބައިބައިވުމަށް މަގުފައިވާފަދަ ވިސްނުންތައް ނުގެންގުޅުއްވުމަށް ވެސް ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ހާރިޖީ ގުޅުންތައް މިހާރަށް ވުރެ ފުޅަވެ ލަންކާއާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން މިހާރަށް ވުރެ ބަދަހިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.