ޚަބަރު

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާގެ ލުއިފަސޭހަތައް ހޯދުމާ ބެހޭގޮތުން ރައީސް މަޝްވަރާކުރައްވާނެ: ޝާހިދު

މަރިޔަމް ޝަހުދާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާގެ ލުއިފަސޭހަތައް ހޯދުމާ ބެހޭގޮތުން ސްރީލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާއާ މަޝްވަރާކުރައްވާނެ ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައި ވަނީ ލަންކާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ރައީސް ސޯލިހު ބައްދަލުކުރެއްވުމަށް މިއަދު ކުރިއަށްދިޔަ ހަފްލާއަށްފަހު "ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

މިިނިސްޓަރ ޝާހިދު ވަނީ މި ދަތުރުފުޅަކީ ސްރީލަންކާގެ ގައުމީ ދުވަހުގެ ޝަރަފުވެރި މެހެމާނަކަށް ބޭރު ގައުމެއްގެ އެންމެ އިސް ވެރިއަކަށް ދައުވަތު ދެއްވި ފުރަތަމަ ފަހަރު ކަމަށް ވުމުން މިއީ ދެގައުމުގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ، އަދި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ދަތުރުފުޅެއް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ މި ސަރުކާރުގެ ވިސްނުމަކީ ލަންކާގައި ދިރިއުޅެ ދިވެހިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެގޮތް އިންތިޒާމްކުރުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ލަންކާއިން ދިވެހިންނަށް އާސަންދައިގެ ދަށުން ބޭސްފަރުވާގެ ހިދުމަތް ލިބޭނެ އިންިޒާމް ހަމަޖެހޭނެ ކަމަށް ރައީސް ސޯލިހު މިއަދު އިއުލާނު ކުރައްވާފައިވާ އިރު، މި ދަތުރުފުޅުގައި ދެ ގައުމުގެ ރައީސުންގެ މަޝްވަރާ ބައްދަލުވުމުގައި އެންމެ އިސްކަމެއް ދީގެން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވަނީ ދިވެހި ރައްޔިތުންނަށް ވިސާގެ ލުއިފަސޭހަތައް ހޯދުމާ ބެހޭގޮތުން ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި އުއްމީދަކީ މިކަމުގައި ކާމިޔާބު ލިބުންކަމަށް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.