ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި ޏ. ފުވައްމުލައް/ މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން އަކީ ރާއްޖޭގެ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލީޑަރު ކަމަށް ޕްރޮސިކިއުޓާރ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލުން ބުނެފި އެވެ.
ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ އަމީންގެ ޝަރީއަތުގެ އަޑުއެހުމުގައި މިއަދު ދައުލަތުގެ ފަރާތުން ޕީޖީގެ ވަކީލުން ވަނީ އެނާގެ މައްޗަށް އެ ދެ ދައުވާ އުފުލާފައިވާ ސަބަބުތައް ކިޔައިދީފަ އެވެ.
ދައުލަތުގެ ވަކީލު އައިޝަތު މުހައްމަދު ވިދާޅުވީ، އަމީނަކީ ދިވެހިރާއްޖޭގައި ހުންނަ އައިއެސް ލީޑަރު ކަމަށާއި އޭނާ ވަނީ ދީނީ ވަކި ފިކުރެއް ކުރިއަރުވަން މަސައްކަތްކޮށްފައި ކަމަށެވެ.
އެގޮތުން އަމީން ވަނީ ރާއްޖެ އިން މީހުން ރެކްރޫޓް ކުރުމަށްފަހު އަފްގާނިސްތާނާއި ސީރިއާއަށް ހަނގުރާމައަށް ފޮނުވާފައި ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
އެކަން ސާބިތު ކުރުމުގެ ގޮތުން ދައުލަތުން ވަނީ ތިން މީހަކު ހެކިންގެ ގޮތުގައި ހުށަހަޅާފަ އެވެ. ނަމަވެސް އަމީންއާ ދެކޮޅަށް ހެކިބަސް ދިނުމަށް އެ ތިން މީހުން ވެސް ހުށަހަޅާފައިވަނީ ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެންނެވެ. ސިއްރު ތިން ހެކީންގެ އިތުރުން ބައެއް ކިތާބީ ހެކިވެސް ދައުލަތުން ވަނީ އަމީންއާ ދެކޮޅަށް ހުށަހަޅާފަ އެވެ.
އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ. އަދި ދިފާއުގައި އަމީންގެ ވަކީލު އަހްމަދު ޔާމީން ވިދާޅުވީ، މީގެ ކުރިން ދިފާއުން ހެކި ހުށަހަޅަން ބޭނުން ނުވާ ކަމަށް ބުނި ނަމަވެސް އިންސާފަށް ވާސިލުވުމަށް ހެކި ހުށަހެޅުމުގެ ފުރުސަތު ދިނުމަށް އެދިފަ އެވެ.
ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލު ނިންމެވީ އެ ފުރުސަތު ދެން ދެވެން ނެތް ކަމަށެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ މިއަދުގެ އަޑުއެހުން ނިންމާލީ މި މަހުގެ 26 ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާނު ކުރުމަށްފަހުގަ އެވެ. އެ އަޑުއެހުމުގައި އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.
ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި އަމީން ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ.
ފުލުހުން މީގެ ކުރިން ބުނީ އަމީނަކީ ގިނަދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން މީހުން ރެކްރޫޓްކޮށް، ހަނގުރާމައަށް މީހުން ފޮނުވަން އަމަލީގޮތުން ހަރަކާތްތެރިވެ، އެކަމަށް އެހީތެރިވެދީ ވާގިވެރިވަމުންދާ މީހެއް ކަމަށެވެ.
އޭގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯޓު ދިނުމުގެ އިތުރުން، ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ އިސްފަރާތްތަކާވެސް އަމީން ގާތް ގުޅުމެއް ބާއްވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އަމީން ވަނީ އެމެރިކާއިން ކަނޑައަޅާ ޓެރަރިސްޓުންގެ ލިސްޓުގައިވެސް ހިމެނިފައެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި އެ ލިސްޓުގައި ދިވެއްސަކު ހިމެނުނު އެއީ ފުރަތަމަ ފަހަރެވެ.