ޚަބަރު

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ގަސަމް އައްޔަންކޮށްފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ގަސަމް އައްޔަންކޮށްފިއެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ ކުރީގެ މެމްބަރު ގަސަމް އައްޔަންކުރެއްވިކަން އޭނާ ވަނީ "ވަން އޮންލައިން"އަށް ކަށަވަރުކޮށްދެއްވައިފައެވެ. އެކަމާ ގުޅޭގޮތުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނީ ގަސަމް އެ މަގާމާ ހަވާލުވާނީ މާދަމާ އިން ފެށިގެން ކަމަށެވެ.

އެފްއެސްއެމްއަށް ގަސަމް އައްޔަންކޮށްފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ މަގާމުން ދުރުކުރުމަށްފަހުއެވެ. ހުސައިން ދީދީ މަގާމުން ދުރުކޮށްފައިވަނީ އޭނާއަށް ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލައަކާ ގުޅިގެން މިދިޔަ ހަފުތާ ތެރޭގައެވެ.

ހުސައިން ދީދީ މަގާމުން ދުރުކޮށްފައިވަނީ އެފްއެސްއެމްގެ ބޯޑުން ކުންފުނިތަކަށް ކްރެޑިޓަށް ތެޔޮ ދޫނުކުރަން އަންގާފައިވަނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ސަރުކާރުގައި 41 މިލިއަން ރުފިޔާގެ ތެޔޮ، ވިއްކާފައިވާ މައްސަލައަކާ ގުޅިގެންނެވެ.