ސްޓޫޑަންޓް ލޯނުން ލިބުނު ލުއިފަސޭހަކަމުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފުމަށް ދަރިވަރުންނާއި ބެލެނިވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.
ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ލަންކާގައި ކުރިއަށްދިޔަ ހާއްސަ ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މީގެ ކުރިން ލަންކާގައި ދިރިއުޅޭ އެކި ބޭފުޅުންނާ ބައްދަލުކުރެއްވި ކުރެއްވުމުގައި ގިނަ ބަޔަކު ސްޓޫޑަންޓް ލޯނާ ގުޅިގެން އުފުލަންޖެހޭ ތަކުލީފުތަކުގެ ވާހަކަ ހިއްސާކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމާ ގުޅިގެން މި ސަރުކާރުން ސްޓޫޑަންޓް ލޯންގެ އިންޓްރެސްޓް މިހާރު ވާނީ %3 އަށް ކުޑަކޮށްދީފައި ކަަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
މިނިސްޓަރ އޮފް ހަޔާރ އެޑިއުކޭޝަނުން ފާއިތުވި އަހަރުގެ ފަހުކޮޅު ވަނީ ސްޓޫޑަންޓް ލޯނުގެ ސްކީމަށް މި ސަރުކާރުގެ ފަރާތުން ގެނައި ބަދަލުތައް އިއުލާނުކޮށްފައެވެ. އެގޮތުން ލޯނުގެ އިންޓްރެސްޓް ރޭޓް ކުޑަކުރުމުގެ އިތުރުން ވަނީ ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު ކުރިއަށްވުރެ %25 އިތުރުކޮށްދީފައެވެ.
ރައީސް ސޯލިހު ވަނީ މިހާރު ސްޓޫޑަންޓް ލޯނުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް ހަމަ މި ލުއިސަފޭހަތައް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.