ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައާ ގުޅިގެން ހަތް އަތޮޅަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޯލްޑިވްސް މީޑިއޮރިލޮޖީން ޔެލޯ އެލާޓް ނެރެފައިވަނީ ދ. އަތޮޅުން ފެށިގެން އައްޑޫއާ ދެމެދުގެ ރަށްތަކަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިރޭ 9:45 އިން ފެށިގެން މިރޭ 1:45ގެ ނިޔަލަށެވެ. އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ގަދަވަޔާއެކު ކަނޑުގަދަވާނެ މެޓް އޮފީހުން ލަފާކުރެއެވެ.
އޭގެ އިތުރުން މިރޭ 7:10 އިން ފެށިގެން މިރޭ 1:30ގެ ނިޔަލަށް ރ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެ އަތޮޅުތަކަށް ވެސް ބޯކޮށް ވާރޭވެހި، ގަދަވަޔާއެކު ކަނޑުގަދަވާނެ މެޓް އޮފީހުން ލަފާކުރެއެވެ.