ޚަބަރު

އާރުޑީސީގެ އޮފީސް އަނެއްކާވެސް ފަޅާލައިފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީސް ފަޅާލައިފިއެވެ.

ފުލުހުން މިއަދު ބުނީ، އާރުޑީސީގެ އޮފީސް ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލައެއް މިއަދު ހެނދުނު 7:48 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުންޏެވެ.

ނަމަވެސް އޮފީސް ފަޅާލައި އެއްވެސް އެއްޗެއް ވަގަށް ނަގާފައިވާ ކަމެއް އަދި ނޭނގެއެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައިވެސް އާރުޑީސީގެ އޮފީސް ފަޅާލައި، ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ނަގައިފައެވެ. އެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުވެސް ކުރިއެވެ.