ޚަބަރު

ރާއްޖެއަށް މިނިވަންކަން ހޯދުމުގެ މަސައްކަތުގައި އެންމެ ބޮޑު އެހީއެއް ވެފައިވަނީ ލަންކާއިން: ރައީސް

އަހުމަދު ޖައިޝަން

ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯދުމަށް ކުރި މަސައްކަތުގައި ދިވެހީންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދިީފައިވައިވަނީ ސްރީލަންކާއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ލަންކާއަށް ވަޑައިގެން އެތަނުގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަށް މިނިވަންކަން ލިބުމާއެކު ސްރީލަންކާއިން ރާއްޖެއާއެކު ސިޔާސީ ގުޅުމެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ހަމަ އެއާއެކު އެގައުމުގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ރާއްޖެއިން ބޭރުގައި ދިވެހި ދައުލަތް ތަމްސީލުކުރާނެ ރަސްމީ އޮފީހެއް އެންމެ ފުރަތަމަ ހުޅުވީވެސް ސްރީލަންކާގައި. އެއީ މީގެ 113 އަހަރު ކުރީން 1906 ވަނަ އަހަރުގައި،" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދެގައުމުގެ ގުޅުން އޭރުވެސް އޮތީ ވަރަށް ގާތްކޮށް ކަމަށެވެ.

ރާއްޖޭގައި ޒަމާނީ ތައުލީމު ފެތުރުމާއި ހާއްސަކޮށް އިނގިރޭސި މީޑިއަމަށް ތައުލީމީ ނިޒާމު ބައްޓަން ކުރުމާއި ސިއްހީ ހިދުމަތުގެ ރޮނގުންނާއި އިގްތިޞާދީ އަދި އުމްރާނީ ތަރައްގީގައިވެސް ލަންކާއިން ވަނީ ރާއްޖެއަށް އެހީތެރިކަންވެދީފައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.