ފާއިތުވި ފަސް އަހަރުގެ އަނިޔާވެރިކަމާއި ދެކޮޅަށް ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަން ހޯދުމަށް ސްރީލަންކާގެ ސަރުކާރާއި ސިޔާސީ ލީޑަރުން ކޮށްދެއްވި މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޝުކުރު ދަންނަވައިފިއެވެ.
ސްރީލަންކާގެ ރައީސްގެ ދައުވަތަކަށް ސްރީލަންކާގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ލަންކާއަށް ރަސްމީ ދަތުރުފުޅެއްގައި މިއަދު ވަޑައިގެންނެވި ރައީސް ސޯލިހު މިހެން ވިދާޅުވެފައި ވަނީ ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ލަންކާގައި ކުރިއަށްދިޔަ ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ސޯލިހު ވަނީ 2000ގެ ކުރީކޮޅު ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރަސީ ގާއިމް ކުރުމަށް ދިވެހިންގެ ބަޔަކު މަސައްކަތް ކުރަމުންދިޔަ އިރު، ގިނަ ދަތިތަކާ ކުރިމަތިވުމުން، އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުންނަށް ރައްކާތެރިކަން ލިބުނު އައްސޭރިއަކީ ސްރީލަންކާ ކަމަށް ވިދާޅުވެފައެވެ.
އަދި ފާއިތުވި ސަރުކާރުގެ ފަސް އަހަރު ރާއްޖޭގައި އޮތް ހުދުމުހުތާރު އަނިޔާވެރިކަމާ ދެކޮޅަށް ތެދުވި ވަރަށް ގިނަ ސިޔާސީ ލީޑަރުންނަށްވެސް ޖެހުނީ ކުރީގެ ދަތުރު ކުރަން ކަމަށާއި، މިފަހަރުވެސް އެހީތެރިވެ ދިނީ ލަންކާގެ ސަރުކާރާއި ސިޔާސީ ލީޑަރުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. މިކަމާ ގުޅިގެން ރައީސް ސޯލިހު ވަނީ ލަންކާގެ ރައީސް، ސިޔާސީ ލީޑަރުން އަދި ރައްޔިތުންނަށް ޝުކުރު ދަންނަވައިފައެވެ.