ޚަބަރު

ދެކުނު ކޮރެއާ، ކިއުބާ އަދި ވިއެޓްނާމުގެ އާ ސަފީރުންނަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ރިފާ ހަލީލު

ދެކުނު ކޮރެއާ، ކިއުބާ އަދި ވިއެޓްނާމުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުންނަށް އެ ބޭފުޅުންގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.

ދެކުނު ކޮރެއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ ޖިއޮންގް ވޫންޖިންއެވެ. ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރަކީ އަންދްރޭސް މަރްސެލޯ ގޮންޒާލޭސް ގަރީދޯ އަދި ވިއެޓްނާމް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރަކީ ހޯ ތީ ތަން ތުރުޚް އެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު ރައީސް ސޯލިހު ވަނީ އެބޭފުޅުންނާ ވަކިވަކިން ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވައިފައެވެ. އަދި އެ ތިން ބޭފުޅުންނަށްވެސް ރައީސް ސޯލިހު ވަނީ މަރުހަބާ ދަންނަވައިފައެވެ.

އޭގެ އިތުރުން ގައުމުތަކާއި ރާއްޖެއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ވަނީ މަޝްވަރާކުރައްވައިފައެވެ.