ސްރީލަންކާ އަކީ ރާއްޖޭގައި ޑިމޮކްރަސީގެ ރޫހު ދިރުވައި އާލާކުރުމުގެ ވަރަށް މުހިއްމު ހިއްސާދާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ލަންކާގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ މާޒީގައިވެސް ރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތީ ވަރަށް އެކުވެރި އަދި އެއްބަނޑު އެއްބަފާ ގުޅުމެއް ކަމަށެވެ.
"ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯދުމަށް ކުރި މަސައްކަތުގައި، އެއީ މީގެ ފަންސާސް ތިންހަތަރު އަހަރު ކުރީން ދިވެހީންނަށް އެންމެބޮޑު އެންމެ ބޮޑު އެހީތެރިކަމެއް ދިނީވެސް ސްރީލަންކާއިން،" އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ދިވެހީންގެ ގުޅުން ބަހައްޓަން ވާނީ ދެ ގައުމުގެ ގުޅުންތައް އިތުރަށް ބަދަހިވާނެ ގޮތަށް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
އަދި ދެ ގައުމުގެ މެދުގައި އޮތް ހާރިޖީ ގުޅުން އިތުރަށް ވަރުގަދަވުމަކީ އުއްމީދެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.