މުއާވިޔަތު އަންވަރު
ރާއްޖެއަށް 15 މިލިއަނެއްހާ ރުފިޔާގެ ކޮކެއިން އެތެރެކޮށްގެން ހައްޔަރުކުރި ބްރެޒިލް މީހާގެ ބަންދަށް ދެ ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ.
ކަސްޓަމްސް އިން ރޭ ބުނީ ހުކުރު ދުވަހު މެންދުރުފަހު ރާއްޖެ އައި އުމުރުން 31 އަހަރުގެ ބްރެޒިލް އަންހެނެއްގެ އަމަލުތައް ހުރި ގޮތުން އެމީހާއާ މެދު ޝައްކު ކުރެވިގެން އޭނާގެ ލަގެޖު ބަލައި ފާސްކުރި އިރު، ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
ބަރުދަނުގައި 3.1 ކިލޯ ހުރި އެ ތަކެތި ޓެސްޓު ކުރުމުން ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާއިރު އެ ތަކެތީގެ މަގުމަތީ އަގު 15،985،000 ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ބަންދަށް ދެ ދުވަސް ދިނުމަށް މުއްދަތު މަޖިލީހުގައި އިންނެވި ގާޒީ އާދަމް މުހައްމަދު ނިންމާފައި ވަނީ، ބްރެޒިލްގެ އެ އަންހެން މީހާއަށް އިނގިރޭސި ބަސް ނޭންގުމުގެ ސަބަބުން، ތަރުޖަމާނެއް ހޯދުމަށް ވަގުތު ދިނުމަށް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ކޮވިޑަށް ޓެސްޓުކޮށްފައި ނުވާތީ، ކޯޓަށް ހާޒިރުނުކޮށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި ފުލުހުން ބުނެފައި ވަނީ އަންހެން މީހާއަށް އެނގެނީ ޕޯޗްގީޒް އަދި ސްޕެނިޝް ބަސް އެކަނި ކަމަށެވެ. އަދި ފުލުހުން އޭނާއަށް ގާނޫނީ އިންޒާރު ދީފައިވަނީ ގޫގުލް ޓްރާންސްލޭޓާ ބޭނުން ކޮށްގެން ކަމަށްވެސް ބުންޏެވެ.
މުއްދަތު މަޖިލިސްވެސް ގޫގުލް ޓްރާންސްލޭޓާ މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރި ނަމަވެސް ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިޔަ ޝަރީއަތަކަށް ވުމުން، އެކަމަށް ދަތިތަކެއް ކުރިމަތިވާކަން ފުލުހުން ފާހަގަކުރި އެވެ.
އެހެންކަމުން އޭނާ ހައްޔަރުކުރިތާ 24 ގަޑިއިރު ހަމަވާން ކައިރިވުމުން ތަރުޖަމާނެއްގެ ޣައިރު ހާޒިރުގައި މުއްދަތު މަޖިލިސް ކުރިއަށް ގެންގެސް ބަންދަށް ދެ ދުވަސް އިތުރުކޮށްދިނުމަށް ގާޒީ ވަނީ ނިންމައިފައެވެ.
އެ މައްސަލައިގައި ދެން އޮންނަ އަޑުއެހުމަކަށް ތަރުޖަމާނަކު ގެނައުމަށް މަސައްކަތް ކުރުމަށް ގާޒީ ވަނީ ފުލުހުންނަށް އަންގައިފައެވެ.