ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް، އަންނަ އޭޕްރީލް މަހުގެ އެކަކުން ފެށިގެން އާސަންދައިގެ ހިދުމަތް ލިބޭނެގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި، ދާދިދެންމެއަކު ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަަކަފުޅުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަވަށްޓެރި އެހެން ޤައުމުތަކުގައި ދިރިއުޅުއްވާ ދިވެހީންނަށްވެސް، އާސަންދައިގެ ޚިދުމަތް ހަމަޖެއްސުމަށް، އެޤައުމުތަކުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.
އަދި މީގެ ކުރިން ސްރީލަންކާއަށް ވަޑައިގެންނެވި ފަހަރު، އެޤައުމުގައި ދިރިއުޅުއްވާ ދިވެހިރައްޔިތުން ސްޓޫޑެންޓް ލޯނާ ގުޅިގެން އެދިވަޑައިގެންނެވި ފަދައިން، އެކަމުގައި އުފުލަންޖެހޭ ބުރަ ލުއިކޮށްދެއްވާފައި ވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލް ޖުމްހޫރިއްޔާ ސްރީލަންކާއަށް މިއަދު ފެއްޓެވި ދަތުރު ފުޅަކީ، ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރު ފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް މިއަދު ފެއްޓެވި މި ދަތުރުފުޅުގައި، އެޤައުމުގެ ރައީސް މައިތްރިޕާލަ ސިރިސޭނާއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށްވެސް ހަމަޖެހިފައި ވެއެވެ.
ރަސްމީ ވާހަކަފުޅުތަކުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.