މިދިޔަ ހުކުރު ދުވަހު ބޭއްވި "މީތި ސަޅި" ކެމްޕެއިނުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ބޭނުންކުރައްވާފައިވާ ކާރަކީ ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީ ކޮށްފައިވާ ކާރެއް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
"މީތި ސަޅި" ކެމްޕެއިނުގައި މިނިސްޓަރު ނަހުލާ ދުއްވެވި ކާރުގައި ބޭނުންކޮށްފައިވާ ނަންބަރު ބޯޑާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވަނީ މިނިސްޓަރަށް ބަހުގެ ހަމަލާ އާއި ފާޑުކިޔުން ރައްދުވެފައެވެ.
އެ ނަންބަރު ބޯޑުގައި "އޭރިއަލް" ނޫން އެހެން ފޮންޓެއް ބޭނުންކޮށްފައިވުމުން އެކަމާ ގުޅޭގޮތުން ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ.
އެކަމާ ގުޅޭގޮތުން މިނިސްޓަރީން ބުނީ އިވެންޓުގައި މިނިސްޓަރު ބޭނުންކުރެއްވި ކާރަކީ ގަވާއިދުން "އޭ ޒޯން"ގައި ދުއްވުމަށް ރެޖިސްޓްރީކޮށްފައިވާ ކާރެއް ކަމަށެވެ.
އަދި ގަވާއިދުގައި ކަނޑައަޅާފައިވާ ނަންބަރު ޕްލޭޓުގެ ފޮންޓަށް އަމަލުކުރުން ފަސްކޮށް ހަތަރެއް އޮކްޓޯބަރު 2010ގައި އިއުލާނެއްކޮށް ގެޒެޓުކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
2010 ވަނަ އަހަރު ޓްރާންސްޕޯޓު އޮތޯރިޓީން ކުރި އެ އިއުލާނުގައި ބުނެފައިވަނީ "ލާމަރުުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް މިހާރު ސަރުކާރުން ހަމަޖައްސާފައިވުމާއެކު، "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދު"ގެ އަށްވަނަ މާއްދާގެ (ށ)ގައިވާ އެއްގަމު އުޅަނދުގެ ނަންބޯޑުގެ އަކުރުތައް ވަކި ފޮންޓަކުން ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ބަޔަށް އަމަލުކުރުން ފަސްކޮށްފީމެވެ." މިހެންނެވެ.