ޚަބަރު

ހުޅުމާލެ ބީޗް ހުސްކުރުމަށްދިން މުއްދަތު ހަަމަވެގެން ދިޔަ އިރުވެސް ވިޔަފާރިކުރުން ދަނީ ކުރިއަށް!

ހުއްދައަކާނުލައި ހުޅުމާލެ ބީޗް ސަރަހައްދުގައި، ކުޑަ ޖަހައި ގޮނޑި އަތުރައިގެން ކުރިއަށް ގެންދާ، ކެފޭ ރެސްޓޯރެންގެ މަސައްކަތް ހުއްޓާލައި އެތަން ހުސް ކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ދީފައިވާ މުއްދަތު އިއްޔެ ހަމަވެގެން ދިޔަ އިރުވެސް އެ ސަރަހައްދުގައި އެ މަސައްްކަތްތައް ކުރިއަށް އެބަ ގެންދެ އެވެ.

ހުޅުމާލެ ބީޗް ސަރައްހަދުގައި ހިންގާ ތަންތަން ހުސްވި ޖެނުއަރީމަހުގެ 31 ގެ ނިޔަލަށް ހުސްކުރުމަށް އެޗްޑީސީން، މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ވަނީ އަންގައިފަ އެވެ.

މީގެ ކުރިން އެޗްޑީސީން ބުނެފައިވަނީ، އެ މުއްދަތުގައި އެތަން ހުސް ނުކުރާނަމަ އެޗްޑީސީގެ ފަރާތުން އެތަން ހުސްކުރާނެ ކަމަށެވެ.

ނަމަވެސް އެޗްޑީސީން ދިންމުއްދަތު ހަމަވި އިރު ބީޗްގެ ބައެއް ދިމަދިމާލުގައި ހިޔާކޮށްފައި ހުރި ތަންތަން ރޫޅާލި ނަމަވެސް އެ ތަންތަން ހުސްކޮށްފައެއް ނުވެ އެވެ. އަދި ބައެއް ކފޭ ތަކުން ސީދާ އަތިރިމަތީގައި ޖަހާފައި ހުރި ގޮނޑިތައް ނަގާފައިވެ އެވެ. އެހެން ނަމަވެސް އެފަދަ ބައެއް ކެފޭތަކުން ވެސް ޖާގަ ފުލް ވުމުން ރޭގެ ވަގުތު ތަކުގައި އަތިރިޔާވީ ފަރާތަށް މޭޒު އިތުރުކޮށްގެން ޚިދުމަތް ދީފައިވެ އެވެ.

މިކަމާބެހޭ މައުލޫމާތު ހޯދާލުމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު އާ ގުޅާލުމުން ފޯނު ނުނަންގަވާތީ މިކަމާބެހޭ އިތުރު ތަފްސީލެއްވަނީ ލިބޭގޮތް ނުވެފަ އެވެ.