ފ. ނިލަންދޫ ދާއިރާއަށް އެ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް މުހުސިން ހަމީދު ކުރިމަތިލައްވަން ނިންމެވުމުން ދާއިރާގެ ވާދަވެރިކަން ވަރަށް ބޮޑުވެއްޖެ އެވެ.
މުހުސިން ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވަން ނިންމެވި އިރު، އޭނާ އަކީ މިހާރު އެ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ އަބްދުﷲ ޚަލީލުގެ މަންމަ ފަރާތު ބޮޑުބޭބެ އެވެ. ރައީސް ޔާމީން ވަނީ ނިލަންދޫ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރުމުގެ ޓިކެޓު ޚަލީލަށް ދެއްވައިފަ އެވެ.
"ވަން އޮންލައިން"އާ ވާހަކަދައްކަވަމުން ޚަލީލު މިއަދު ވިދާޅުވީ މުހުސިން އެއީ ބޮޑުބޭބެ ނަމަވެސް،، މި ކަމާ ގުޅިގެން އާއިލާގެ ތެރޭގައި އެއްވެސް މައްސަލައެއް ކުރީ ފަހަރުވެސް އަދި މިހާރުވެސް ނެތް ކަމަށެވެ. އަދި މި އިންތިޚާބާ ދިމާކޮށް ވެސް އާއިލީ މައްސަލަތަކެއް މިކަމުގެ ތެރެއަށް ވަންނާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މުހުސިން "ވަން އޮންލައިން"އަށް މިއަދު ވިދާޅުވީ، އޭނާ އާއި ޚަލީލުވެސް ނިމި ދިޔަ ސަރުކާރުގެ ތެރޭގައި މަސައްކަތް ކުރައްވަމުން ގެންދެވީ ވަރަށް އިޚުލާސްތެރިކޮށް ކަމަށާއި ޝަކުވާގެ އެއްވެސް ޖާގައެއް ދެއްވާފައި ނުވާނެ ކަމަށެވެ.
"މި ކަމާ ރައީސް ޔާމީނާވެސް މަޝްވަރާ ކުރަމުން ދިޔައީ. އެކަމަކު ކުއްލިއަކަށް ފެނުނީ ސިޓިން އެމްޕީންނަށް ޓިކެޓު ދިންތަން. އެންމެ ކުޑަމިނުން ޕްރައިމަރީއަކަށް އަޅުގަނޑު އުއްމީދުކުރިން. އެހެންވީމަ މި ނިކުންނަނީ އަމިއްލަ ގޮތުން." މުހުސިން ވިދާޅުވި އެވެ.
މުހުސިން ވެސް ވިދާޅުވީ މި ކަމާ ގުޅިގެން ޚަލީލާއި އޭނާ ދެމެދު ގުޅުން ގޯސް ނުވާ ކަމަށާއި އަދި އާއިލާގެ ތެރޭގައި ވެސް މައްސަލައެއްް ނެތް ކަމަށެވެ.
އެންމެ ފަހުން 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މުހުސިން އާއި ޚަލީލު ވާދަކުރައްވައި ފުރަތަމަ ވޯޓު ގުނުމުން ޚަލީލަށް ކުރި ލިބިވަޑައިގަތީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. އެކަމާ ގުޅިގެން ޝަކުވާ ހުށަހެޅުމުން ނިލަންދޫ ދާއިރާގެ ހުރިހާ ވޯޓު ފޮށްޓަކާއި އެ ދާއިރާއަށް އެހެން ރަށެއްގެ ފޮށްޓަކަށް މީހަކު ވޯޓު ލީ ނަމަ އެ ފޮށްޓެއްވެސް ހިމެނޭ ގޮތުން ވަރަށް ގިނަ އަދަދެއްގެ ފޮށި އިލެކްޝަނުން އަލުން ގުނި އެވެ. އެއީ ތާރީޚުގައި ވެސް އެ ގޮތަށް ހުރިހާ ފޮށްޓެއް ގުނި ފުރަތަމަ ފަހަރެވެ. އާންމު އުސޫލަކީ މައްސަލައެއް ޖެހިއްޖެ ނަމަ އެ މައްސަލަ ޖެހުނު ފޮށި ވަކީން ގުނުމެވެ.
ހުރިހާ ފޮށްޓެއް އަލުން ގުނުމުން ޚަލީލަށް ތިން ވޯޓުގެ ކުރިއެރުމެއް ލިބިވަޑައިގެންނެވި ކަމަށް އިލެކްޝަނުން އޭރު އިއުލާނުކުރި އެވެ. އެހެން ނަމަވެސް އިލެކްޝަނުގެ ސައިޓުން ފެންނަ މައުލޫމާތު މިހާރު ވެސް ދައްކަނީ ޚަލީލު އިންތިޚާބު ކާމިޔާބު ކުރެއްވީ އެއް ވޯޓުގެ ތަފާތުން ކަމަށެވެ. އެއީ ޚަލީލަށް 645 އަދި މުހުސިނަށް 644 ވޯޓެވެ.
މުހުސިން ވަނީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް މަޖިލިސް މެންބަރުކަން ކުރައްވައިފަ އެވެ. ޚަލީލު ހޮވިވަޑައިގަތީ 2014 ވަނަ އަހަރު އެވެ. މުހުސިން 2009 ވަނަ އަހަރު ހޮވިވޑައިގަތީ ޑީއާރްޕީގެ ފަަރާތުންނެވެ. އޭނާ ފަހުން ވަނީ ޕީޕީއެމް އުފެއްދުމުން އެ ޕާޓީއަށް ބަދަލުވެވަޑައިގެންފަ އެވެ. ޚަލީލު ހޮވިވަޑައިގެންނެވީ އަމިއްލަގޮތުންނެވެ. އޭނާ ފަހުން ގުޅިވޑައިގަތީ ޕީޕީއެމްއާ އެވެ.