ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ދިނުމާމެދު ގޮތެއް ނުނިންމަން: ހައުސިން މިނިސްޓްރީ

އިބްރާހިމް ޒަކީ

1

ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމާމެދު ގޮތެއް ނުނިންމާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގެ ފަހުކޮޅު (ހުސްވި 2018 ވަނަ އަހަރުގެ އޮކްޓޫމަރު) މަހުގެ ތެރޭގައި، ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން ހުޅުވައިލި ފުރުސަތުގައި، ގިނަ އަދަދެއްގެ ބަޔަކަށް ހައުސިންގ މިނިސްޓްރީން ވަނީ ފޯމު ދޫކޮށްފަ އެވެ.

އެ ކަމާ ގުޅިގެން "ވަން އޮންލައިން"އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން މިއަދު ވިދާޅުވީ، އެކަމާމެދު ހައުސިން މިނިސްޓްރީން އަދި ވަކިގޮތެއް ނުނިންމާ ކަމަށެވެ.

ޝާމިން ވިދާޅުވީ އެކަން ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލު ކޮށްފައި ކަމަށާއި އެކަމާމެދު އެޗްޑީސީން ގޮތެއް ނިންމާނެެ ކަމަށެވެ.

ހުސްވި 2018 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ދިނުމަށް ހުޅުވައިލުމުން، ގޯއްޗަށް އެދޭ ފޯމު ނެގުމަށް ގިނަ އަދަދެއްގެ ބަޔަކު ހައުސިން މިނިސްޓްރީދޮށަށް އެއްވެ ތޮއްޖެހި ބޮޑެތި މައްސަލަތަކެއް ދިމާވި އެވެ. އެ ކަމާ ގުޅިގެން ހޯމް މިނިސްޓްރީން އެ މަސައްކަތް އެޗްޑީސީއާ ހަވާލު ކުރި އެވެ.

އެޗްޑީސީއާ އެ މަސައްކަތް ހަވާލު ކުރުމާ ގުޅިގެން ހުސްވި 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 11ގައި އެޗްޑީސީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލެ ފޭސް ދޭކުން 400 ގޯތި ވިއްކުމަށްޓަކައި ފޯމު ދޫކުރުމާއި ފޯމު ބަލައި ގަތުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެޗްޑީސީން ކަމަށެވެ. އަދި ރައްޔިތުންނަށް ލުއި ފަސޭހަ ގޮތަކަށް އިންތިޒާމް ކޮށްގެން، އެކަށީގެންވާ ވަގުތު ދީގެން އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

އަދި އެކަންތައް ކުރިއަށް ގެންދިއުމާ ބެހޭގޮތުން ހައުސިން މިނިސްޓްރީއާ މަޝްވަރާ ކުރަމުންގެންދާ ކަމަށާއި، އެކަމާބެހޭ މައުލޫމާތު ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށްވެސް އެޗްޑީސީގެ އިއުލާންގައި ބުނެފައިވެ އެވެ. ނަމަވެސް އެ މައްސަލައިގަ އެޗްޑީސީން މިހައިތަނަށް އައި އިރު ޚަބަރެއް ވެފައެއް ނުވެ އެވެ. މި ޚަބަރަށް އެ ކުންފުނީގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟