ޚަބަރު

އަލީ ވަހީދު ރާއްޖެ ގެނެސްދޭން ފުލުހުންނަށް އެދޭނަން: ކަރެކްޝަންސް

މުއާވިޔަތު އަންވަރު

ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނެސްދިނުމަށް ފުލުހުންނަށް އެދޭނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކޯޓަށް ހާޒިރު ވުމަށް ފޮނުވި އަމުރު ލިބުނު ނަމަވެސް ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވެފައި ނުވާތީ، އިއްޔެ ބޭއްވި އެ ކޯޓުގެ އަޑުއެހުމުގައި ވަނީ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް އެ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންގެ މައްޗަށް އަމުރުކޮށްފަ އެވެ.

އެ ހުކުމް މިއަދު ކަރެކްޝަނަލް ސާވިސްއަށް ލިބިފައިވާއިރު އަމުރު ތަންފީޒު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ފަށާފައިވާ ކަމަށް އެ އިދާރާގެ ސްޕޯކްސް ޕާސަން އައިމިނަތު ޔުސްރީން 'ވަން' އަށް މިއަދު ވިދާޅުވި އެވެ.

"އަމުރު ތަންފީޒުކުރުމުގެ މަސައްކަތް މި ވަނީ ފަށާފައި. ލިޔެކިޔުންތައް ބެލުމަށްފަހު ޕޮލިހަށް ހުށަހަޅާނަން އަލީ ވަހީދު ރާއްޖެ ގެނެސްދިނުމަށް،" ޔުސްރީން ވިދާޅުވި އެވެ.

ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުުގައި ހަތް ދައުވާއެއް އުފުލާފައި ވަނިކޮށް ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކޮށްލުމުން ރާއްޖޭން ބޭރަށް ފުރާވަޑައިގެންނެވި އަލީ ވަހީދު ވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށް އަޑުއެހުމެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. ނަމަވެސް ރާއްޖޭގެ ގާނޫނީ ބާރު ނުހިނގާ ތަނެއްގައި ހުރެގެން އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އަދި އޭނާ މިހާރު ހުރި ތަނެއް ވެސް އިދާރާތަކަކަށް ޔާގިންވެފައެއް ނުވެއެވެ.